2008 ވަނަ އަހަރަށް 11.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ރައްޔިތުންނަށް ލިބިދޭ ހިދުމަތްތައް ރަނގަޅުކޮށް ދޭދޭ ފަރުދުންގެ މެދުގައިވާ ފަރަގު ކުޑަކުރުމަށް އަމާޒުކޮށް އަންނަ އަހަރަށް ލަފާކުރާ 11.9 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ފިނޭންސް މިނިސްޓަރު ގާސިމު އިބްރާހީމް ހުށަހެޅުއްވި ބަޖެޓުގައި ހަރަދުތައް ކުރުމަށް ހަމަޖައްސަވައިފައި ވަނީ އޮފީސްތަކަށް ލިބޭނެ ކަމަށް ލަފާކުރާ 9.08 ބިލިއަން ރުފިޔާ އިންނާއި ބޭރުގެ ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބޭނެ 2.74 ބިލިއަން ރުފިޔާ އާއި އޮފީސްތަކުގައި ހުންނަ ފަންޑު އެކައުންޓުތަކާއި ސަރުކާރުން ލޯނު ދޫކުރާ އެކައުންޓުތަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ 82.5 މިލިއަން ރުފިޔާ އިން ކަމަށް ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން 36 ޕަސެންޓަކީ ޓެކްސް ގޮތުގައި ލިބޭނެ އާމްދަނީ ކަމަށާއި އޭގެ ތެރެއިން 27 ޕަސެންޓަކީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނެ މިންވަރު ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީގެ ހަ ޕަސެންޓު ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ކަމަށާއި ބާކީ ތިން ޕަސެންޓަކީ އެހެނިހެން ޓެކްސްގެ ގޮތުގައި ލިބޭނެ މިންވަރު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އާމްދަނީގެ 64 ޕަސެންޓަކީ ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީ ކަމަށާއި އޭގެ ތެރެއިން 15 ޕަސެންޓަކީ ރިސޯޓުތަކުގެ ކުލި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު ސަރުކާރު ލިބޭނެ އާމްދަނީގެ ތެރޭގައި ހުޅުމާލޭ ފޭސް ދޭއް ތަރައްގީކުރުމުގެ މަޝްރޫއުން ލިބޭނެ ކަމަށް ލަފާކުރާ 127 މިލިއަން ރުފިޔާ އާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޓްރާންޝިޓުމަންޓު ބަނދަރަކާއި ފްރީ އިކޮނޮމިކް ޒޯނުން ލިބޭނެ ކަމަށް ލަފާކުރެވޭ 2.3 ބިލިއަން ރުފިޔާ ވެސް ވަނީ ހިމަނައިފަ އެވެ.
ސަރުކާރުގެ ވިޔަފާރިކުރާ 23 ތަނުގެ ތެރެއިން އަންނަ އަހަރު ޑިވިޑެންޓު ލިބޭނެ ކަމަށް ލަފާކުރާ 15 ތަނަކުން 650 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މިއީ 2007 ވަނަ އަހަރަށް ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އަދަދާ އަޅާބަލާއިރު ހަތް ޕަސެންޓު ދަށް އަދަދެއް. މީގެ ސަބަބެއް ކަމަށްވީ 2007 ވަނަ އަހަރު ދިރާގުން ހާއްސަ ޑިވިޑެންޑެއްގެ ގޮތުގައި ފައިސާ ދެއްކުމުން 2007 ވަނަ އަހަރު ކުންފުނިތަކުން ލިބިފައިވާ ޖުމުލަ ފައިސާ އިތުރުވެފައިވާތީ،" ގާސިމް ވިދާޅުވި އެވެ.
މި ހިނގާ އަހަރުގެ ބަޖެޓަށްވުރެ 0.44 ބިލިއަން ކުޑަ އަންނަ އަހަރުގެ ބަޖެޓުގެ ކެޕިޓަލުގެ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 2.24 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓުގެ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 8.66 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެންމެ ބޮޑު ހަރަދެއް ކަނޑައަޅައިފައި ވަނީ އިޖުތިމާއީ ތަރައްގީއަށެވެ. މުޅި އެގޮތުން ބަޖެޓުގެ 48 ޕަސެންޓު ހަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ތައުލީމާއި ސިއްހަތާއި ޖަމާއަތަށް ފައިދާއަށްޓަކައި ދޭ އެހެނިހެން ހިދުމަތް ތަރައްގީކުރުމަށެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް )ޕީއެސްއައިޕީ( އަށް އަންނަ އަހަރު ކަނޑައަޅައިފައި ވަނީ 2.04 ބިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުގެ ހަރަދުގެ 17 ޕަސެންޓު ކަމަށް ގާސިމު ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އަތޮޅުތަކަށް ހަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ 3.42 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުންނާއި އަތޮޅުތަކަށް ފައިދާވާ ގޮތަށް ތަފާތު ގޮތްގޮތުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެވިފައިވާ ކަމަށް ގާސިމު ވިދާޅުވި އެވެ.
އަންނަ އަހަރު ކުރުމަށް ރާވައިފައިވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ގްރޭޑް އެކަކުން 12ގެ ދަރިވަރުންނަށް ހިލޭ ފޮތްބައި ދިނުމަށާއި އިމްތިހާނު ފީ ދެއްކުމަށް 152 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ގައުމީ ފަންޑަށާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން 222 މިލިއަން ރުފިޔާ އަންނަ އަހަރަށް ކަނޑައަޅައިފައިވާ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ މިހާރަށްވުރެ އިތުރަށް ފުޅާކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފަސޭހައިން ރައްޔިތުންނަށް ދިނުމަށްޓަކައި 1.02 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށާއި މިއީ މި ހިނގާ އަހަރުގެ އިސްލާހުކުރި ބަޖެޓާ އަޅާބަލާއިރު 45 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 800 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މިއީ މި ހިނގާ އަހަރުގެ ސަރުކާރުގެ މުވައްޒަފުގެ މުސާރަ އަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ 57 ޕަސެންޓު އިތުރު މިންވަރެކެވެ.
ކަރަންޓާއި ފެނުގެ ހިދުމަތް އަގުހެޔޮކޮށްދިނުމަށާއި ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް ވިއްކުމަށް ސަބްސިޑީޒްގެ ގޮތުގައި 429 މިލިއަން ރުފިޔާ ވެސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފަ އެވެ.
ފެނާއި ނަރުދަމާ އާއި ހަކަތަ އަދި ތިމާވެށީގެ ދާއިރާތައް އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ ސަމާލުކަމެއް ދެވިފައިވާނެ ކަމަށާއި އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓު، އޭނާޖީ އެންޑު ވޯޓާގެ ދާއިރާގެ ބަޖެޓަށް 148 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށާއި އެއީ މި ހިނގާ އަހަރަށްވުރެ 56 ޕަސެންޓު އިތުރު އަދަދެއް ކަމަށް ގާސިމު ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކަށް ގެދޮރު އެޅުމުގެ ފުރުސަތު ހޯދައިދިނުމަށް ބަޖެޓުގައި 100 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.
އަންނަ އަހަރު މަސްވެރިންނާއި ދަނޑުވެރިކަމާއި ވިޔަފާރިތައް ތަރައްގީކުރުމަށް ލޯނު ދިނުމަށްޓަކައި 54 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށް ގާސިމު ވިދާޅުވި އެވެ.
އަލަށް އުފެއްދި ސިވިލް ސާވިސް ކޮމިޝަނަށް 16 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށާއި ޕާކިސްތާނާއި ބަންގުލަދޭޝް އާއި ސިންގަޕޫރުގައި ހައިކޮމިޝަން ގާއިމުކޮށް އަދި ޔޫރަޕްގައި ދިވެހި ޕާމަނަންޓު މިޝަނެއް ގާއިމުކުރުމަށް ވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ.
ބަޖެޓު ހުށަހަޅުއްވަމުން ގާސިމު ވިދާޅުވީ "ޓެރަރިޒަމްގެ އަމަލެއް ރާއްޖެއިން އިތުރަށް ފެނިގެން ދިއުމަކީ ރާއްޖޭގެ އިގުތިސާދަށް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުނަނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް" ކަމަށެވެ.
"ވީމާ މިފަދަ ކަންތައްތައް ހުއްޓުވުމަށް އަދި ނައްތާލުމަށް އަޅުގަނޑުމެން އެންމެން އެއްބާރުލައި މަސައްކަތްކުރަންޖެހޭ،" ގާސިމް ވިދާޅުވި އެވެ. "ރާއްޖޭގެ އިގުތިސާދަށް ދެން އެންމެ ބޮޑު އަސަރެއްކުރާނެ ކަމަށް ދަންނަވަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުން."
ގާސިމު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އައު ގާނޫނު އަސާސީގެ ދަށުން އުފެއްދޭ މުސްތަގިއްލު ތަފާތު މުއައްސަސާތަކުގެ މަސައްކަތަކަށް ތަންދިނުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވާނެ ކަމަށާއި މުވައްޒަފުންގެ ޕެންޝަން ސިކީމެއް ހަމަޖެއްސުމަށް ވެސް މުހިންމުކަން ދެވިފައިވާނެ ކަމަށެވެ.
މިދިޔަ އަހަރާއި މި އަހަރަކީ އިގުތިސާދީ ގޮތުން ރާއްޖެ އަށް ބޮޑެތި ކުރިއަރުންތަކެއް ހޯދިފައިވާ ދެ އަހަރު ނަމަވެސް މި އަހަރު ދައުލަތުގެ ހަރަދު ބޮޑުވެފައިވުމާއެކު އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މި ދެންނެވި ދަތިތަކަކީ ހަމައެކަނި ސުނާމީ ކާރިސާގެ ސަބަބުން ދިމާވި ދަތިތަކެއް ނޫން. ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ބަޖެޓު އިތުރުކޮށް ހަރަދު ހަމަޖެއްސުމަށްޓަކައި އިތުރުކުރުމަށް ހުށަހެޅިފައިވާ އާމްދަނީ ހޯދުމުގެ މަސައްކަތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުގެ ސަބަބުން ދިމާވި ދަތިތަކާއި އުނދަގޫތަކެއް ކަމަށް ދަންނަވަން،" ގާސިމު ވިދާޅުވި އެވެ.
މި އަހަރު ރާއްޖޭގެ ޓޫރިޒަމް 12 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށާއި 2008 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން ބަލާއިރު ޓޫރިޒަމް ނުވަ ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށް ގާސިމު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަން މި އަހަރު 41 ޕަސެންޓު ދަށްވި ނަމަވެސް އަންނަ އަހަރު 17 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. އިމާރާތްކުރުމުގެ ދާއިރާ މިއަހަރު 19 ޕަސެންޓު ކުރިއަރާނެ ކަމަށާއި އަދި އަންނަ އަހަރު ނުވަ ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސުނާމީގެ ސަބަބުން 2005 ވަނަ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 4.6 ޕަސެންޓު ދަށަށްދިޔަ ނަމަވެސް 19 ޕަސެންޓު ކުރިއަރައިފައިވާ ކަމަށާއި އަދި މި އަހަރު 6.6 ގެ ކުރިއެރުމެއް އިގުތިސާދަށް ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް ގާސިމު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު 9.5 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓު ހުށަހަޅުއްވަމުން ގާސިމު ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު 250.05 މިލިއަން ރުފިޔާއިން ދަރަނިވެފައިވާ ކަމަށެވެ. މިދިޔަ އަހަރު 7.35 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލިބިފައިވަނީ 7.09 މިލިއަން ރުފިޔާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މި އަހަރަށް ކަނޑައެޅި 12.34 ބިލިއަން ރުފިޔާގެ ބަޖެޓުން އަހަރު ނިމޭއިރު ހަރަދުކުރެވޭނެ ކަމަށް މިހާރު ލަފާކުރަނީ 9.46 ބިލިއަން ރުފިޔާ ކަމަށާއި އަދި މިއަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިހާރު ލަފާކުރާ އަދަދަކީ 9.58 ބިލިއަން ރުފިޔާ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. އެގޮތުން މި އަހަރުގެ ބަޖެޓު 116.05 މިލިއަން ރުފިޔާއިން އަރަނިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހެން ދިމާވާންޖެހުނީ ބެޖެޓުގައި ހިމެނިފައިވާ ބައެއް މަޝްރޫއުތައް ހިންގުމަށް ނެގުމަށް ހުށަހެޅުނު ލޯނުތައް 2007ގެ ފަހުކޮޅު ސޮއިކުރުމަށް ހަމަޖެހުމުން،" ގާސިމު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ