ދައުލަތް ހުއްޓުނަ ނުދޭން ކޮންޓިންޖެންސީ ބަޖެޓުން 21 މިލިއަން ރުފިޔާ ނަގަން ހުއްދަ ދީފި

ދައުލަތް ހުއްޓުނަ ނުދޭން ކޮންޓިންޖެންސީ ބަޖެޓުން 21 މިލިއަން ރުފިޔާ ނެގުމަށް މާލިއްޔަތު ކޮމިޓީން ބުދަ ދުވަހު ހުއްދަ ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި އޮންނަ، 150 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ނަގަން ހުއްދަ ދީފައި ވާއިރު އެ ބަޖެޓުން މިހާރު ފައިސާ ނަގަން އޮންނަ ކަންކަމުގެ އިތުރުން އެހެން ކަންކަމަށް ފައިސާ ނެގުމުގެ ހުއްދަ އަށް ވެސް ވަނީ އެދިފަ އެވެ.
ކޮންޓިންޖެންސީ ބަޖެޓުގައި ފައިސާ ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ މުސާރަ ކޮންޓިންޖެންސީ އަށާއި ޖެނެރަލް ކޮންޓިންޖެންސީ އަދި ޕީއެސްއައިޕީ ކޮންޓިންޖެންސީ އެވެ. އެއިން ކޮންމެ ބަޔަކަށް ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ.
މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓުން އެހެން ކަންކަމަށް ފައިސާ ބަދަލުކުރުމަށް ހުށަހެޅީ ދައުލަތް ހިންގުމަށް މުހިންމު ކަންތައްތަކަކަށް ހަރަދުކުރުމަށް ކަމަށެވެ.
"އެހެންވެ ދައުލަތް ހުއްޓުނަ ނުދޭންވެގެން އިއްޔެ ހުއްދަ ދިނީ 21 މިލިއަން ރުފިޔާ ނެގުމަށް. ކޮންޓިންޖެންސީން އެހެން ކަންކަމަށް ފައިސާ ނެގުމުގެ ހުއްދަ އަށް ހުށަހެޅީ ރަމަޟާން މަހު ބައެއް މުވައްޒަފުންނަށް މަހުގެ އިނާޔަތް ދިނުމަށާއި ޔުޓިލިޓީ ކުންފުނިތަކުގެ ބައެއް ބިލްތައް ދެއްކުމަށް. އަދި ސިއްހީ ބައެއް ކަންކަމަށް ހަރަދުކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 150 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓުގައި ބާކީ ހުރީ 106 މިލިއަން ރުފިޔާ ކަމަށެވެ. މާލިއްޔަތު ކޮމިޓީން އިއްޔެ ހުއްދަ ދިނީ އެ ފައިސާގެ ތެރެއިން 21 މިލިއަން ރުފިޔާ ބޭނުން ކުރުމަށެވެ. އަދި ބާކީ ހުރި ފައިސާ ކަނޑައަޅާފައިވާ ބޭނުން ފިޔަވައި އެހެން ކަންކަމަށް ބޭނުންކުރުމުގެ ހުއްދަ ދޭނީ އެކަމާ ގުޅޭ ތަފްސީލް ލިޔުންތައް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓިންޖެސީ ބަޖެޓު އޮތުމުގެ ސަބަބުން ނާޖާއިޒު ގޮތުގައި ދައުލަތުގެ ފައިސާ ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށާއި ކޮންޓިންޖެސީ ބަޖެޓް އުވާލުމަށް ފެންނަ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ