އޭސީސީގެ ބޭނުމަށް ނަގާ ފައިސާގެ ތެރެއިން ބާކީ ހުންނަ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމައެއް ނުކުރޭ: އޮޑިޓް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭނުމަށް ދައުލަތުގެ ބަޖެޓުން ނަގާ ފައިސާގެ ތެރެއިން ހަރަދުނުވެ ބާކީ ހުންނަ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތަށް ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ހުންނަ ކަމަށް އެ ކޮމިޝަނުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވައި ބުދަ ދުވަހު ނެރުއްވި، އޭސީސީގެ 2011 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް ދޭ ރިޕޯޓްގައި ބުނެފައި ވަނީ ކޮމިޝަނުގެ ބޭނުމަށް ދައުލަތުގެ ބަޖެޓުން ނަގާ ފައިސާގެ ތެރެއިން ހަރަދުނުވެ ބާކީ ހުންނަ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތަށް ޕަބްލިކް އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަކީ ހަރަދުނުވާ ފައިސާއެއްގެ ގޮތުގައި ބަޖެޓް ކޯޑްތަކަށް ވައްދައި ބަލައިގަންނަ ފައިސާގެ ދުވަހު ފޮތުގައި ބަރާބަރަށް ރެކޯޑްކޮށްފައިނުވާ ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އިސްލާހުކުރުމަށް ލަފާދީފައިވާ ގޮތަށް، ދަތުރުތަކުން ހަރަދުނުވެ ބާކީވާ ފައިސާއަށް ރަސީދު ހަދައި ދުވަހު ފޮތުގައި ރިކޯޑްކުރާކަން 2011 ވަނަ އަހަރުގެ އޮޑިޓްގައި ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ފައިސާ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާނުކުރަމުންނުދާކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި 2010 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓްގައި ފާހަގަކޮށް، އިސްލާހު ކުރުމަށް ލަފާދީފައިވާ ކަންތައްތައް ކޮމިޝަނުން އިސްލާހުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ