ވިޒިޓް މޯލްޑިވްސްއިން މިއަހަރުގެ އަޟްޙާ ޢީދު ރ.މީދޫގައި ފާހަގަކުރަނީ

މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ދިވެހިރާއްޖޭގެ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ތައްޔާރުވެއްޖެއެވެ.
މެއި މަހުގެ 26އިން 30ގެ ނިޔަލަށް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ވެބްސައިޓް މެދުވެރިކޮށް ޢީދު ހަރަކާތްތައް ގެނެސްދިނުމަށް، އެ ކޯޕަރޭޝަނުގެ ބޮޑު ޓީމެއް ރ. މީދޫގައި ހަރަކާތްތެރިވަމުން ދާނެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަޤާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮތް ޤައުމެއްކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދިނުން ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކަވަރޭޖުގައި، ރަށުގެ ޢީދު ފޯރިއާއި، އާދަކާދަތަކާއި އަދި އެ ހަރަކާތްތަކުގެ ފަހަތުގައިވާ މުހިންމު ވާހަކަތައް ވީޑިއޯ ރިޕޯޓްތަކާއި، ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އެހީގައި ގެނެސްދޭނެއެވެ. މިއީ، ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި، މުޖުތަމަޢުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި، ދިވެހި ސަޤާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތުގެ ހިއްސާއެކެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ސަޤާފީ ކަންކަމުގެ ތެރޭގައި ވެދުމާ ދިއުން، ބޮޑުމަސް ބޭނުން، މާލި އަދި ކޯޑި ކެނޑުން ފަދަ އެންމެ ކުރީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި ބޮޑު ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ މުހިންމު ސަޤާފީ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، މިއަހަރު ވިޒިޓް މޯލްޑިވްސްގެ ޓީމުން ޢީދު ކަވަރޭޖް ގެނެސްދޭ ރަށް، ރ. މީދޫގައި ކުރިއަށް ގެންދާ އެރަށުގެ ޚާއްސަ ހަރަކާތްތައް ހިއްސާކުރާނެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ދިިރިހުރި ސަޤާފަތާއި އާދަކާދަތައް ދައްކާލުމަކީ ރާއްޖެ އިޝްތިހާރު ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޝިއުރީ ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ޤުދުރަތީ ރީތިކަމެއް ނޫންކަމަށާއި އެއީ ސަޤާފީ އަމިއްލަވަންތަކަން ދަމަހައްޓާ ރައްޔިތުންނާއި، އެކުވެރި މުޖުތަމައުތަކެއް ވެސް އެކުލެވިގެންވާ ތަނެއް ކަމަށެވެ.
"ރާއްޖެއަކީ ހަމައެކަނި ޤުދުރަތީ ރީތިކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ސަޤާފީ އަމިއްލަވަންތަކަން ދަމަހައްޓާ ރައްޔިތުންނާއި، އެކުވެރި މުޖުތަމަޢުތަކެއް ވެސް އެކުލެވިގެންވާ ތަނެއް. މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންނަށް ދިވެހި ޢީދުގެ ހަޤީޤީ އުފަލާއި، ފަންނުވެރިކަމާއި، މެހެމާނުދާރީ އިހުސާސް ކުރެވޭނެ،" މެނޭޖިންގ ޑިރެކްޓަރ ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވަނީ ރ. މީދޫގެ ރައްޔިތުންނަށާއި، ހުޅަނގު އަވަށާއި އިރުމަތީ އަވަށުގެ ޓީމުތަކުގެ އިތުރުން، މީދޫ ކައުންސިލުން މި ހަރަކާތް ރޭވުމުގައި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ވީއެމްސީއިން ވިދާޅުވީ، މި ކެމްޕޭނުގެ ދަށުން ދުވަހުން ދުވަހަށް ގެނެސްދޭ ކަވަރޭޖަށްފަހު، މީދޫގެ ޢީދު ހަރަކާތްތަކާއި ސަޤާފަތާ ގުޅޭ ތަފާތު ޑޮކިއުމެންޓަރީތަކާއި، އިންޓަވިއުތައް ހިމެނޭ ޚާއްޞަ ވީޑިއޯތަކެއް ޖޫން މަހުން ފެށިގެން ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލުން ފެންނާނެ ކަމަށެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، ސަޤާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ