ކާ އެއްޗަކުން ސޫތްޕެއް ފެނުމުން ބަދަލެއްގެ ގޮތުގައި 10 ތަށި ބިރިޔާނީ ދޭން އިންޑިއާ ކޯޓަކުން އަމުރުކޮށްފި
އިންޑިއާގެ ޕުޑުޗެރީގެ ކޮންސިއުމާ ކޮމިޝަނަކުން، ކާ އެއްޗަކުން މަރުވެފައިވާ ސޫތްޕެއް ފެނުނު މައްސަލައެއްގައި ކަސްޓަމަރަކަށް ބަދަލު ދިނުމުގެ ގޮތުން 10 ތަށި ބިރިޔާނީ ހިލޭ ދިނުމަށް ރެސްޓޯރަންޓެއްގެ މައްޗަށް އަމުރުކޮށްފިއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ސާބިތުވެފައިވަނީ "ބިރިޔާނީ އެންޑް ކޯ" ނަމަކަށް ކިޔާ ރެސްޓޯރަންޓެއްގެ މައްޗަށެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ ޕީ. ސުންދަރަކުމާރަ މަނީކަންޑަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހު އޭނާގެ ރައްޓެއްސަކާއެކު އެ ރެސްޓޯރަންޓަށް ގޮސް ކާން އިންދާ، ގެނައި ބިރިޔާނީ ތަށީގެ ތެރެއިން މަރުވެފައިވާ ސޫތްޕެއް ވަނީ ފެނިފައެވެ. އެވަގުތު އޭނާ ވަނީ އެ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ނަގާފައެވެ. އަދި މިކަމުގެ ސަބަބުން ޞިއްޙީ ނުރައްކަލާއި ނަފްސާނީ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ، ބަދަލެއްގެ ގޮތުގައި 130,000 ރުޕީސް ހޯދުމަށް އޭނާ ވަނީ އެދިފައެވެ. ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ރެސްޓޯރަންޓަށް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް އެތަނުގެ ފަރާތުން އެއްވެސް މީހަކު ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ ރެސްޓޯރަންޓުގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް، ކަސްޓަމަރު ގޫގުލްގައި ކުރި ރިވިއުއަކަށް ރެސްޓޯރަންޓުން ދިން ޖަވާބުގައި އެކަމަށް މާފަށް އެދިފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ. ކޯޓުން ބުނީ މިއީ ރެސްޓޯރަންޓުން ކޯޓަށް ފޮނުވި ޖަވާބުގައި އެކަން ދޮގުކޮށްފައި އޮތް އޮތުމާ ފުށުއަރާ ކަމެއް ކަމަށެވެ. މައްސަލަ ބެލުމަށްފަހު ކޮމިޝަނުން ނިންމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑާ ޚިލާފަށް ޚިދުމަތް ދީފައިވާތީ، ނަފްސާނީ ގެއްލުމާއި ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި 10,000 ރުޕީސް އަދި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 3,000 ރުޕީސް ކަސްޓަމަރަށް ދިނުމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ފަސް ހަފުތާގެ އާދީއްތަ ދުވަހު، ކޮންމެ ދުވަހަކު ދެ ތަށި ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ހިލޭ ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ