ވަޒީފާއެއްގެ އިންތިޒާރުގައި ކިހާ ގިނަ ޒުވާނުންތަކެއް ތިބިކަން، މި ފަހަކުން ބަޔަކަށް އަންދާޒާކޮށްލަން އެނގުނީ، އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ވޯކް-އިންޓަވިއުއަކަށް ދަމާލި ސަފުންނެވެ.
އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 ވަޒީފާއަށް އެދި އެތަނުން ހުޅުވާލުމާ އެކު، އިންޓަވިއު އޮތް ގަލޮޅު ސްކޫލުގެ ކުރިމައްޗަށް އެތައް ސަތޭކަ ޒުވާނުންތަކެއް އެއްވި އެވެ. ހަމަ އެ މަގާމަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލި ފުރުސަތުގައި ވެސް ފެނުނީ އެ މަންޒަރު ތަކުރާރުވި ތަނެވެ.
އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 70 ފުރުސަތުގައި 500އަށް ވުރެ ގިނަ ޒުވާނުން ވަނީ އެ ވަޒީފާއަށް ކުރިމަތިލާފަ އެވެ.
ވަޒީފާގެ އިންޓަވިއު ކުރިއަށް ދިޔައީ، އިއްޔެ ހެނދުން ފެށިގެން ހަވީރާ ހަމައަށް ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ސަލާހުއްދީން ސްކޫލުގަ އެވެ. ސްކޫލުގެ ހޯލް ތެރޭގައި ޖަހާފައި ހުރި ގޮނޑިބަރިތައް ފުރިފައި ހުރީ، ލިޔެކިޔުންތަކާ އެކު އިންތިޒާރުގައި އިށީނދެގެން ތިބި ޒުވާނުންތަކުންނެވެ.
އެއީ މުޅިން ވެސް 30 އަހަރުން ދަށުގެ މީހުންނެވެ.
"އަޅުގަނޑުމެން އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު ތަރުހީބެއް ލިބުނު. 500 އަށް ވުރެ ގިނަ ޒުވާނުން އިންޓަވިއުއަށް އައި،" އިމިގްރޭޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ އިންޓަވިއުއިން ފާސްވެ، ޝަރުތު ހަމަވި މީހުންނަށް އަދި ދެ އިމްތިހާނެއް ދޭނެ އެވެ. ވަޒީފާ ދޭނެ 50 މީހުން ހޮވާނީ، އެ އިމްތިހާން އެންމެ މަތިން މާކްސް ލިބޭ މީހުންގެ ތެރެއިންނެވެ.
"އެ އިމްތިހާނަށް ފަހު، ވަޒީފާއަށް ހޮވޭ ފަރާތްތައް ވީހާވެސް އަވަހަކަށް ވަޒީފާއަށް ނެރޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިފަހަރު ވަޒީފާއަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ އެކި އޮފީސްތަކުގައި ދައުރުވާ ގޮތަށެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ދެ ޓާމިނަލް އާއި ސީޕޯޓު އަދި ވިސާ ސާވިސްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.
އިމިގްރޭޝަނުން ދެނީ 70 ވަޒީފާ: 500އަށް ވުރެ ގިނަ މީހުން ކުރިމަތިލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ