ޕީއެންސީ ބޮޑު ޖަލްސާ މިރޭ، ޕާޓީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ މީހުން މާލެ އަތުވެއްޖެ

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާއަށް އަތޮޅުތެރެއިން ގިނަ އަދަދެއްގެ މީހުން މާލެ އަތުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި އާޓިފޝަލް ބީޗުގައެވެ.
ޕީއެންސީގެ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ މި ޖަލްސާއަށް އިއްޔެ ވަނީ ޕީއެންސީއަށް ނިސްބަތްވާ އަދި އެ ޕާޓީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުން ފްލައިޓްތައް ޗާޓާކޮށްގެން ވެސް މީހުން އައިސްފައިވާކަން ފާހަގަކުރެއެވެ.
މާލެ ކައިރި ރަށްރަށުން ލޯންޗުގައި މީހުން އައިސްފައިވާއިރު ބޮޑެތި ދޯނި ފަހަރުގައިވެސް ބައެއް އަތޮޅުތަކުން މީހުން ވަނީ މާލެ އައިސްފައެވެ.
އެގޮތުން ފ. ނިލަންދޫއިން ވެސް މިއަދު ގިނަ އަދަދެއްގެ މީހުން ވަނީ ބޯޓެއްގައި މާލެ އައިސްފައެވެ. ނިލަންދޫއިން ޕީއެންސީއަށް ޖަލްސާއަށް މާލެ އައި މީހުން އައިސްފައިވަނީ ދޯނީގައި ލަނގިރި ޖަހާފައި ވަރަށް ފޯރީގައިކަން ފާހަގަކުރެވެއެވެ.
ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަ މީހުންނަށް ޕީއެންސީއިން ދަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ. ޖަލްސާގެ ތަޔައްރީތަކުގައި ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ހަރަކާތްތެރިވަމުންދާއިރު، ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު ވަޑައިގެން ޖަލްސާގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ