ދެލޯފުޅު: މާބަނޑު ދުވަސްވަރު

ކައިވެންޏަކީ ޢާއިލާއެއްގެ ބިންގަލެވެ. ކައިވެނިކުރުމަށްފަހު ޙަޔާތަށް ލިބިގެންދާނެ އެންމެ ބޮޑު އުފާވެރިކަމެވެ. ކައިވެނީގެ ފޮނިމީރުކަމުގެ ތެރެއިން ޢާއިލާއެއް އުފެދިގެން ދިއުމަކީ ކޮންމެ ދެމަފިރިއެއްގެވެސް އުންމީދެކެވެ. މި ޒަމާނުގައި ޢާއިލާއެއް ފެށުމުގައި ދެމަފިރިން މަޝްވަރާކޮށް، ދުރާލާ ރޭވުންތައް ރާވައެވެ. ދަރިއަކު ހޯދާނީ ކިހާ ދުވަހަކުންތޯ ކަނޑައަޅައެވެ. ނަމަވެސް، ފެންނަން އޮތް ޙަޤީޤަތަކީ ބައެއްފަހަރު މާބޮޑު ރޭވުންތަކެއް ކުރުމުގެ ފުރުޞަތު ނުލިބިވެސް ބަލިވެ އިނދެ ދަރިން ލިބޭކަމެވެ. އަދި ކިތަންމެ ރޭވުންތަކެއް ރޭވިކަމުގައި ވިޔަސް، ރޭވުމާ ތަފާތުވާ ޙާލަތްތައްވެސް މެދުވެރިވެއެވެ. އެކަކު އަލަތު ދަރިއަކަށް ފިރިހެން ކުއްޖަކަށް އުންމީދު ކުރާއިރު، އަނެކަކު އަންހެން ކުއްޖަކަށް އެދެއެވެ. ދެފަރާތުގެ ވިސްނުން މިފަދަ ކަންކަމުގައި ތަފާތުވާގޮތް ވެއެވެ. އެހެންނަމަވެސް، އެއީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކީވެސް ވަކި ޚާއްޞަ ޝަޚްޞިއްޔަތެއްގެ ވެރި ފަރުދެއްކަމުން، މިކަހަލަ ވިސްނުމުގެ ތަފާތު ހުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގައި މަޔޫސްވެ ދެބަސްވުމަކީ ރަނގަޅުގޮތެއް ނޫނެވެ. ދެއްވި ޖިންސް ބަލައިގަތުމަކީ މުހިންމު ކަމެކެވެ. އެއީ ތިޔަ ދެމަފިރިންގެ ލޯބީގެ ގުލްޝަނުގައި ފޮޅޭ އެންމެ ފުރަތަމަ މަލެވެ. ނުވަތަ އަނެއްކާވެސް ފޮޅޭ އައު މަލެކެވެ. ތިޔަ ދެލޮލުގެ ނޫރެވެ. ތިޔަ ދެމަފިރިންގެ ދެލޯފުޅެވެ. ވިސްނަންވީ މުހިންމު ނުކުތާއަކީ ދަރިއަކު ދެއްވުމުގައި ތިޔަ ދެމަފިރިން އިޚްތިޔާރު ކުރެއްވީ އެންމެ ފުރިހަމައަށް ކަންކަން ރާވައި ހިންގަވާ ކުޅަދުންވަންތަ، ޚާލިޤުވަންތަ މާތްﷲ ކަމެވެ. ތައްޔާރުވެފައި ތިބިނަމަވެސް ނުވަތަ ނުވެ ތިބި ނަމަވެސް، ދަރިއަކު ލިބޭކަމުގެ ޚަބަރަކީ އުފާވެރިކަން ގެނެސްދޭ ހެޔޮ ޚަބަރަކަށް ހަދަންވާނެއެވެ. ބުއްދިވެރި ގޮތަކީ ކަމެއް ދިމާވުމުން އެކަމާމެދު ހިތްހަމަޖެހި، ރުހި ޤަބޫލުވެ، އެކަމާ ކުރިމަތިލުމެވެ. ބަލިވެއިންކަމުގެ ޚަބަރަކީ ދެމަފިރިންނާއި އާއިލާގެ މެންބަރުންގެ ހިތްތަކަށް އުފާވެރި ކަމާއިއެކު އައު ދިރުމެއް ގެނެސްދޭ ކަމެކެވެ. ޚާއްޞަކޮށް ދިގު މުއްދަތަކަށްފަހު އާއިލާއަށް އާާ މެންބަރަކު އިތުރުވުމަކީ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ބަލިވެ އިންނަ ހިނދުން ފެށިގެން ދަރިފުޅުގެ ޒިންމާ ފެށުނީއެވެ. އެހެންކަމުން ޒިންމާ އުފުލުމަށްޓަކައި މި މަރުޙަލާގައި ދެމަފިރިން އެކުވެރިކަމާއެކު ތައްޔާރުވާން ޖެހެއެވެ. މައިމީހާގެ ހައިސިއްޔަތުން، ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ދުރުހެލިވާން ވާނެއެވެ. ކުރިން ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ އާދަތަކެއް ހުރިނަމަ، އެފަދަ ކަންކަން ދޫކޮށްލުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމާއި، އެކަށީގެންވާ މިންވަރަށް އަރާމުކުރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ އެންމެހައި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ. ބައެއް އަންހެނުންނަކީ ބަލިވެ އިނުމާ ގުޅިގެން ޞިއްޙީގޮތުން ނާޒުކުވާ ބައެކެވެ. މިފަދަ ފަރާތްތަކަށް އާންމު ޙާލަތުގައި ކުރަމުން އައި މަސައްކަތްތަކާއި އާދަތައް ބަދަލުކުރަން ޖެހެއެވެ. ބޯ އެނބުރުމާއި، ހޮޑުލެވުމާއި، ކެއުމަށް އުނދަގޫވުން ފަދަ ކަންކަން މާބަނޑު ދުވަސްވަރު ދިމާވެއެވެ. އަދި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ތަފާތު ތަޖުރިބާތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް، އަނެއްބައި އަންހެނުންނަށް މާބޮޑެތި ދަތިތަކާ ކުރިމަތިނުވެ ނުވަ މަސްދުވަހުގެ ދަތުރު ފުރިހަމަކުރެވެއެވެ. މާބަނޑު ދުވަސްވަރަކީ ކޮންމެ އަންހެނެއްގެ ޙަޔާތުގައިވެސް ދިމާވާ ވަރަށް ޚާއްޞަ އަދި މުހިންމު ދުވަސްވަރެކެވެ. މިއީ އުފަލާއި އުންމީދުން ފުރިގެންވާ ދުވަސްވަރެއް ނަމަވެސް، މި ދުވަސްވަރު ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތައް ދިމާވުމަކީ ވެސް އާދައިގެ ކަމެކެވެ. މިގޮތުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދިމާވާ ގިނަ ކަންތަށްތަކެއްހުރެއެވެ. މިކަންކަމަށް ދެމަފިރިންވެސް ހޭލުންތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު އަންހެނުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މި ބަދަލުތަކުގެ ސަބަބުން އެކި މީހުންނަށް އެކި މިންވަރަށް ޖިސްމާނީ އުނދަގޫތައް ކުރިމަތިވެއެވެ. ގިނަ މާބަނޑު އަންހެނުންނަށް ޚާއްޞަކޮށް ފުރަތަމަ ތިން މަސްދުވަހު ހޮޑުލަވާ މޭނުބައި ކުރެއެވެ. އަދި އާއްމު ގޮތެއްގައި ހެނދުނު ހޮޑުލެވޭގޮތްވެއެވެ. މިއީ ހޯމޯންތަކަށްއަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. މާބަނޑު ދުވަސްވަރަކީ ބައެއްމީހުންވަރަށް ބޮޑަށް ވަރުބަލިވާ ދުވަސްވަރެކެވެ. ހަށިގަނޑުގައި ހިނގާ ބަދަލުތަކާއި ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމުގެ ސަބަބުން ހަކަތަ އިތުރަށް ބޭނުންވެއެވެ. ބަނޑުގައިވާ ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް ބަނޑު ބޮޑުވެ، ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ ސަބަބުން ބުރިކަށީގައި ރިހުން ގިނަ މީހުންނަށް ކުރިމަތިވެއެވެ. މިއީ ހަށިގަނޑުގެ މެދުބައިގެ ހަމަޖެހުން ގެއްލުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މާބަނޑުވުމުން ހަށިގަނޑުގައި ފެން ރައްކާކުރާ މިންވަރު އިތުރުވެ، ޚާއްޞަކޮށް ފައިގެ ދުޅަވުން ކުރިމަތިވެއެވެ. ހަމަ އެހެންމެ ބަނޑުގައި ކުއްޖާ ބޮޑުވުމުން ހަޖަމުކުރާ ނިޒާމަށް ޕްރެޝަރ ކުރިމަތިވެ، ކާތަކެތިން މޭ އަންދާ ގޮތްވެ މެއިންދިލަ އެރުން ނުވަތަ ހިތި އެރުން ދިމާވެއެވެ. ގިނަ ގިނައިން ކުޑަކަމުދާންޖެހުމާއި ބަނޑު ހަރުވުންވެސް މީ މާބަނޑު ދުވަސްވަރު ދިމާވާ ކަމެކެވެ. މިފަދަ ޖިސްމާނީ މައްސަލަތަކުގެ އިތުރުން ބައެއް ފަހަރު ހަކުރުމަތިވުން އަދި ޕްރެޝަރ މަތިވުން ނުވަތަ އެހެނިހެން ސިއްޙީ މައްސަލަތައް ވެސް ކުރިމަތިވެދާނެއެވެ. ޖިސްމާނީ ބަދަލުތަކުގެ އިތުރުން ނަފްސާނީ ގޮތުންވެސް މާބަނޑު މީހުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެގޮތުންހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މާބަނޑު މީހުންގެ މޫޑު ބަދަލުވުން ހިމެނެއެވެ. ބައެއް ފަހަރު ވަރަށް އުފާވެރިވެ، އަނެއްކާ ވަގުތުކޮޅެއް ފަހުން ހިތާމަވެރިވުމަކީ ދިމާވެދާނެ ކަމެކެވެ. ހަމަ އެހެންމެ ކަންބޮޑުވުންތަށް ކުރިމަވެއެވެ. ދަރިފުޅުގެ ސިއްޙަތާމެދު، ވިހެއުމާމެދު، ނުވަތަ މައިންބަފައިންގެ ޒިންމާތަކާމެދު ކަންބޮޑުވުމަކީ ޢާންމު ކަމެކެވެ. ޚާއްޞަކޮށް ފުރަތަމަ ފަހަރަށް މާބަނޑުވާ މީހުންނަށް މިފަދަ ބިރުތައް ބޮޑަށް ކުރިމަތިވެއެވެ. މާބަނޑުވުމުގެ ސަބަބުން އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކުގެ ސަބަބުން ސްޓްރެސްވުން އިތުރުވެއެވެ. މިއީ ނިދި ނައުމާއި ހިތްހަމަޖެހުން ގެއްލޭ ކަމެކެވެ. ހަމަ މިއާއި އެކު ބައެއް މާބަނޑު މީހުންނަށް މާޔޫސްވުމުގެ އަސަރުތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ކަންކަމަށް ޝައުގުވެރިކަން ގެއްލި، އަބަދުވެސް ހިތާމަވެރިކަމެއްގައި ދެމިތިބެވެއެވެ. ހަށިގަނޑުގެ ސިފައަށް އަންނަ ބަދަލުތަކާ ގުޅިގެން ދެރަވާ މީހުން އުޅެއެވެ. ބަނޑު ބޮޑުވެ، ހަށިގަނޑުގެ ސިފައަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް މީހުންނަށް އަމިއްލަ ނަފްސަށް އިތުބާރުކުޑަވެ ހަށިގަނޑާމެދު ހިތްހަމަނުޖެހުން ކުރިމަތިވެއެވެ. މިފަދަ ނައްސި ވިސްނުންތަކުން ލިބޭ ތުރާލުުގެ ނަތީޖާ އަކީ ރޭގަނޑު ނިދި ހަމަނުވެ ނުވަތަ ނިދި ނައުން ކުރިމަތިވުމެވެ. ވީމާ މި މުއްދަތުގައި މިކަންކަން ދިމާވާ އަންހެނުންނަށް ފިރިމީހާއާއި އާއިލާގެ އަޅާލުމާއި، އޯގާތެރިކަމާއި، އެހީތެރިކަން ނުހަނު ބޭނުންވާނެއެވެ. ދެމަފިރިން މިކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ހޭލުންތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޤަވާޢިދުން ޑޮކްޓަރަށް ދައްކައި، ލަފާ ހޯދަންވާނެއެވެ. މާބަނޑު މީހުންނަށް ޚާއްޞަކޮށްގެން ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި ހިންގާ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކާއި ކުލާސްތަކުގައި ބައިވެރިވުމަކީ މުހިންމު ކަމެކެވެ. ފޮތްތަކުންނާއި ޑޮކްޓަރުންގެ އިރުޝާދުތަކުން ފަސޭހަކަމާއެކު މިކަމާ ގުޅޭ ގިނަ މަޢުލޫމާތު ލިބެން ހުރެއެވެ. މީގެ އިތުރުން، މިޒަމާނުގައި މީސްމީޑިއާގެ ވަސީލަތްތަކުންވެސް ބޭނުންތެރި މަޢުލޫމާތު ފަސޭހައިން ލިބިގަނެވޭނެއެވެ. މިއީ ކޮންމެ އަންހެނެއްގެ ޙަޔާތުގައިވެސް ދިމާވާ އާދައިގެ ކަންކަމަށްވުމުން، މިކަންކަމަށް ހިތްވަރާއެކު ކުރިމަތިލާން ޖެހޭނެއެވެ. އެންމެ ފަހުން، މި ހުރިހާ ދަތިތަކަކަށް ފަހު ލިބޭ އުފަލަކީ، މިއިން ކޮންމެ ދައްޗެއްގެ ބަދަލުގައި ލިބޭނެ އެންމެ ބޮޑު ހަދިޔާއެވެ. އާދެ ތިމާމެންގެ ދެލޯފަދައިން ލޯބިވާ ދަރިފުޅެވެ. ތިމާމެންގެ ދެލޯފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ