ސްޓެމް ސެލްގެ ފަރުވާއިން، ނޭނގި ހުއްޓާ އެޗްއައިވީން ސަލާމަތްވެއްޖެ ސްޓެމް ސެލްގެ ފަރުވާއިން، ނޭނގި ހުއްޓާ އެޗްއައިވީން ސަލާމަތްވެއްޖެ

އެޗްއައިވީ ޖެހިފައި ތިބި މީހުންނަށް، އެޗްއައިވީއާ އިދިކޮޅު ސްޓެމް ސެލްގެ ފަރުވާ ދިނުމުން އޭގެ ތެރެއިން އެއް ބަޔަކު ވަނީ އެ ބަލިން މުޅިން ފަސޭހަވެފައެވެ. ނަމަވެސް، އެޗްއައިވީ ޖެހިފައި ހުރި މީހަކަށް ދިމާވި ސިއްހީ އެހެން މައްސަލައަކަށް ފަރުވާ ކުރުމަށް، އޭނާގެ ހަށިގަނޑުގައި އެޗްއައިވީއާ އިދިކޮޅު ނޫން ސްޓެމް ސެލް އިންދުމުން، އޭނާގެ ހަށިގަނޑުން ވެސް އެޗްއައިވީގެ އަސަރު މުޅިން ފިލައިފިއެވެ.
މިފަހަރު އެޗްއައިވީން ފަސޭހަވި މީހާއަކީ، ލޭގެ ކެންސަރުން ސަލާމަތްކުރުމަށް ސްޓެމް ސެލް އިންދުމުން އެޗްއައިވީ ފިލައިގެން ދިޔަ ހަތް ވަނަ މީހާއެވެ. އަދި މި މީހާއަކީ، އެޗްއައިވީއަށް އަމާޒުނުކުރާ ސްޓެމް ސެލްގެ ފަރުވާ ދިނުމުން އެ ބަލިން ސަލާމަތްވި ހަތް މީހުންގެ ތެރެއިން ދެ ވަނަ މީހާއެވެ.
އެހެންކަމުން، ސައެންސްވެރިން ބުނާ ގޮތުގައި އެޗްއައިވީން ސަލާމަތް ކުރުމަށްޓަކައި އެޗްއައިވީއާ އިދިކޮޅު ސްޓެމް ސެލް ބޭނުންކުރުމުގެ މާނައެއް ނެތެވެ. މި ދިރާސާގައި ބައިވެރިވި، ފްރީ ޔުނިވަސިޓީ އޮފް ބާލިންގެ ޕްރޮފެސަރު ކްރިސްޓިއަން ގޭބްލާ ވިދާޅުވާ ގޮތުގައި އެޗްއައިވީއާ އިދިކޮޅު ސްޓެމް ސެލްއާ ނުލައި ވެސް، އެ ބަލިން ސަލާމަތްކުރެވޭކަން އެނގުމުން، އެ ބަލިން މީހުން ސަލާމަތްކުރުމުގައި ބޭނުންކުރާނެ އިތުރު ގޮތްތަކަށް ދޮރު ހުޅުވިގެން ދިޔައީއެވެ.
އާދައިގެ ސްޓެމް ސެލްގެ ފަރުވާ ދިން މީހާގެ ހަށިގަނޑުން އެޗްއައިވީގެ އަސަރު ފިލައިފިކަމަށް ޑޮކްޓަރުން ނިންމީ، އޭނާގެ ލެއިން އެޗްއައިވީގެ ވައިރަސް ނުފެންނަތާ ދެ އަހަރު ވުމުންނެވެ. އޭނާގެ ހަށިގަނޑުގައި އާދައިގެ ސްޓެމް ސެލް ބޭނުންކުރަން ޖެހުނީ، އޭނާއަށް ސްޓެމް ސެލް ހަދިޔާކުރާނެ މީހަކު ނުލިބުމުންނެވެ. އެހެންކަމުން، އޭނާއަށް ސްޓެމް ސެލްގެ ފަރުވާ ދިނީ އެޗްއައިވީން ސަލާމަތް ކުރުމަކަށް ނޫނެވެ. ލޭގެ ކެންސަރަށް ފަރުވާ ކުރުމަށެވެ.
ނަމަވެސް ނަތީޖާ ނުކުތް އިރު، އޭނާގެ ހަށިގަނޑުން ވަނީ އެޗްއައިވީގެ އަސަރު ވެސް ފިލައިފައެވެ. މީގެ 10 އަހަރު ކުރިން އޭނާއަކީ އެޗްއައިވީ ޖެހިފައި ހުރުމުގެ ސަބަބުން އެ ބަލީގައި މަރުވުމުގެ ނުރައްކާ ވަރަށް ބޮޑު މީހުންގެ ތެރޭގައި ހިމެނިފައި ހުރި މީހެކެވެ. މިއަދު އޭނާގެ ހަށިގަނޑުން އެޗްއައިވީގެ ވައިރަސް މުޅިން ފިލާފައިވުމުން، މިހާރު އޭނާ އުޅެމުން ދަނީ އާދައިގެ ދުޅަހެޔޮ ދިރިއުޅުމެކެވެ.
މި އައު ހޯދުމުން އެނގުނީ، އެޗްއައިވީ އަށް ފަރުވާ ކުރުމުގައި އަމަލުކުރަމުން އަންނަ ގޮތް ބަދަލުކުރަން ޖެހިފައިވާ ކަމެވެ. އަދި ސްޓެމް ސެލްގެ ފަރުވާ ދިނުމުގައި މިހާތަނަށް އަމަލުކުރަމުން އައި ގޮތް ވެސް ބަދަލުކުރަން ޖެހިފައިވާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ