ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން މި އެހީ ހަވާލުކޯށް ދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 38 މީޑީއާއަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ވަނީ ޖުމުލަ 800،352 ޑޮލަރު ލިބިފައެވެ.
ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން ނިންމާލާފައި ވަނީ އިއްޔެ މެންދުރުފަހު 2:00 ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
މި ޓެލެތޯނަށް އާންމުންގެ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބިގެން އަންނަ އިރު މަޝްހޫރު ވިޔަފާރިތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެ ގޮތުން ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފައި ވެއެވެ. މީގެ އިތުރުން ޗަމްޕާ ރިސޯޓްސް އިން ވަނީ 10،001 ޑޮލަރު ހަދިޔާކޮށްފައެވެ.
ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، މަރުވި މީހުންގެ އަދަދު ވަނީ 355 އަށް އަރާފައެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނެއެވެ.
ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭ އިރު، 180,000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.
ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ