އެމެރިކާއަށް ލިބުނު ދުނިޔޭގެ ބޮޑު ސުޕަޕަވަރުގެ ހާލަތު މިހާރު ގެއްލިއްޖެ!

މީގެ 35 އަހަރު ކުރިން, 1990 ގެ ކުރީކޮޅު ފިނި ހަނގުރާމަ ނިމި ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު އެމެރިކާއަށް ލިބިގެންދިޔަ ދުނިޔޭގެ ބޮޑު ސުޕާޕަވަރުގެ ހާލަތު މިހާރު ގެއްލިއްޖެ ކަމަށް އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އަދި މުހައްލިލު ތޯމަސް ފްރެޑްމަން ވިދާޅުވެއްޖެއެވެ. ނިޔުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ފްރެޑްމަން ވިދާޅުވީ މިހާރު ދުނިޔެ މިއޮތީ ބޮޑު އެއްވެސް ބާރަކަށް އެކަނި ދުނިޔޭގެ އެއްވެސް ކަމެއް ކޮންޓްރޯލް ނުކުރެވޭ މުޅިން އައުހާލަތެއް ގައެވެ. ފްރެޑްމަން ވިދާޅުވިގޮތުގައި މިހާރު ދުނިޔޭގެ ގިނަ ކަންކަން ކޮންޓްރޯލް ކުރަނީ އެއް ދައުލަތެއްގެ ބަދަލުގައި މަލްޓިޕްލް ފެކްޓް ތަކަކުންނެވެ. އެފެކްޓް ތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް، ކްލައިމެޓް ޗޭންޖް، ޖީ 7 އާއި ބްރިކްސް ފަދަ ދުނިޔޭގެ ބޮޑެތި ޖިއޮޕޮލިޓިކަލް ޖަމާއަތްތައް ކަމަށް ފްރެޑްމަން ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާ އާއި އެމެރިކާ އަދި ދެކުނު ކޮރެއާއާއި ޖަޕާނާއި ޖަރުމަނާއި ރަޝިއާ ފަދަ ސިނާއީ ގައުމުތަކުގެ ސަޕްލައި ޗެއިން ތަކާއި މައިގްރޭޝަން ފަދަ ކަންކަންވެސް ދުނިޔޭގެ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވުމުގައި އިސް ދައުރެއް އަދާކުރާ ކަމަށް ފްރެޑްމަން ވިދާޅުވިއެވެ. މި ހުރިހާ ކަންތައް ތަކެއް އެއްވުމުން ދުނިޔެ މިހާރު މިއޮތީ ޕޮލިއެސްޓިން ހާލަތެއްގައިކަމަށް ފްރެޑްމަން ސިފަކުރެއްވިއެވެ. ފްރެޑްމަން ވިދާޅުވިގޮތުގައި 20 އަހަރު ހަނގުރާމަކޮށްގެން ތާލިބާން ޖަމާއަތް ބަލި ނުކުރެވި އެމެރިކާ ވަރަށް ހިތްދަތި ގޮތަކަށް އަފްޣާނިސްތާނުން ފައިބަން ޖެހުމާއި ރަޝިއާ ޔުކްރެއިންއަށް އަރައިގަތުމާއި ޔޫރަޕާއި ރަޝިއާ އާދެމެދު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވުމާއި ޓެކްނޮލޮޖީ އާއި އަސްކަރީގޮތުންނާއި އިގްތިސާދީ ގޮތުން އެމެރިކާއާ އެއްވަރުގެ ބާރަކަށް ޗައިނާ ވުމާއި މޫސުމާ ބެހޭ މައްސަލަތައް އިންތިހާއަށް ބޮޑުވެގެން ދިޔުމަކީ ދުނިޔެ މިހާތަނަށް ނުދެކޭ މުޅިން އައު ހާލަތެކެވެ. އާޓިފިޝަލް އިންޓެލިޖެންސް ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު ދުނިޔޭގެ ބޮޑު ހަމައެކަނި ބާރަށް އެމެރިކާ ވެގެންދިޔަ ދިޔުން މިހާރުވަނީ ހަގީގަތުގައިވެސް ނިމުމަކަށް އައިސްފައިކަމަށާ މިހާރު ދުނިޔޭގައި އަލަށް އުފަންވި މިހާލަތަށް ދޭނެ ނަމެއް ތިޔަރިސްޓުންނާއި ދިރާސާވެރިންނަށް އަދި ނުހޯދޭކަމަށް ފްރެޑްމަން ވިދާޅުވިއެވެ. ފްރެޑްމަން ވިދާޅުވިގޮތުގައި އެމެރިކާގެ އިގްތިސާދީ ބާރުވެސް ދަށަށްދާން ފަށާފައިވާކަމީ ހަގީގަތެއްކަން އެނގެނީ އެމެރިކާއާއި ޔޫރަޕް ގުޅިގެން ރަޝިއާއާއި އީރާން ފަދަ ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ އާދަޔާ ޚިލާފު ހަރުކަށި ފިޔަވަޅުތަކުން އެދެގައުމަށް މާބޮޑު އަސަރެއް ނުކުރާތީއެވެ. ޗައިނާއާއި އިންޑިއާއަދި ބްރިކްސްގެ ގައުމުތަކުގެ ބާރާއި ނުފޫޒު ދުނިޔޭގެ އިގްތިސާދުގައި ބޮޑުކަމުން މި ފިޔަވަޅުތަކުގެ ކުޑަ އަސަރެއް މެނުވީ އެދެގައުމަށް ނުކުރާކަމަށާ މިއީ އެމެރިކާގެ އިގްތިސާދީ ބާރު ކުޑަވެއްޖެކަން އަންގައިދޭ ވަރަށް ބޮޑު ހަގީގަތެއްކަން ފްރެޑްމަން ސިފަކުރެއްވިއެވެ. މީގެއިތުރުން ވަރަށް ގިނަކަންކަމުގައި ޗައިނާއަށް ދޫދޭން އެމެރިކާއަށް މަޖުބޫރުވެފައިވާކަމާއި ރަޝިއާ ކުރާ މުއާމަލާތައް ހުއްޓާލުމަށް އެމެރިކާ އިންޑިއާއަށް ކުރިމަތިކުރި ފިއްތުންތަކަށް އިންޑިއާ ބޯ ނުލެނބުމާއި ޑޮލަރާ ނުލައި ކުރާ ބޮޑެތި މުއާމަލާތައް ދުނިޔޭގެ ވިޔަފާރީގައި އިތުުރުވުމަކީ ދުނިޔޭގައި ބޮޑު އެއްބާރުގެ ކޮންޓްރޯލް މިހާރު ނެތްކަމުގެ ހަގީގަތް ހާމަވާކަންކަން ކަމަށް ފްރެޑްމަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ