ބުރުކިނާ ފާސޯގައި ދެވަނަ ބަޣާވާތެއް، ރައްޔިތުން މުޒާހަރާއަށް

ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ބުރުކިނާ ފާސޯގައި ބަޣާވާތެއްކޮށް، އަސްކަރީ ވެރިކަން ބަދަލުކޮށްފިއެވެ. މިއީ، މި އަހަރުގެ ތެރޭގައި ބަޣާވާތަކުން އެ ޤައުމުގެ ވެރިކަން ބަދަލުކޮށްފައިވާ ދެވަނަ ފަހަރެވެ. ފުރަމަތަ ބަޣާވާތް ހިންގާފައި ވަނީ އަސްކަރިއްޔާގެ އިސްވެރިޔާ ޕޯލް-އޮންރީ ސަންޑައޯގޯ ޑެމީބާއެވެ. އަދި، 16 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބުރުކިނާ ފާސޯގެ އިންތިޚާބީ ރައީސް ރޯޗް މާކް ކްރިސްޓިއަން ކަބޯރޭގެ ސަރުކާރު ވައްޓައިލާފައެވެ.
މިފަހަރު ބަޣާވާތުގެ ފަހަތުގައި ހުރީ އަސްކަރިއްޔާގެ ދަށް ފަންތީގެ ކެޕްޓަނެއް ކަމުގައިވާ އިބްރާހީމް ޓްރައޮރޭއެވެ. އަސްކަރީ ލީޑަރު ޑެމީބާގެ ވެރިކަން ބަޣާވާތަކުން ވައްޓައިލާފައިވާ ކަން ޓްރައޮރޭ ޓީވީ މެދުވެރިކޮށް އިޢުލާނު ކުރުމުން ޑެމީބާ ވަނީ ވެރިރަށް އޫގާޑޫގޫގައި ހުންނަ ފަރަންސޭސި ވިލާތުގެ އެމްބަސީއަށް ގޮސް ހިމާޔަތް ހޯދާފައެވެ.
ޑެމީބާ ބުނީ ޓްރައޮރޭއާ ޞުލްޙަވެރިކަމާ އެކު ވެރިކަން ހަވާލު ނުކުރާނެ ކަމުގައެވެ. އަދި، މިއީ އަސްކަރިއްޔާގެ އެތެރޭގެ މައްސަލައެއް ކަމަށާއި، މަޝްވަރާ ކޮށްގެން ހައްލެއް ހޯދޭނެ ކަމުގައި އޭނާ ބުންޏެވެ. މިކަމާ ގުޅިގެން ޓްރައޮރޭއަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ފަރަންސޭސި ވިލާތުގެ އެމްބަސީ ދޮށަށް އެއްވެ މުޒާހަރާ ކުރަން ފަށާފައެވެ. އަދި، އެ ތަނަށް ވަންނަން މަސައްކަތްކޮށް، އެ ތަނުގައި ހުޅުޖަހާފައެވެ. މުޒާހަރާ ކުރަމުންދާ މީހުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
ފަރަންސޭސިވިލާތުން ވަނީ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، ޓްރައޮރޭ ވަނީ ހަމަނުޖެހުންތައް ހުއްޓައިލުމަށް އޭނާއަށް ތާޢީދު ކުރާ މީހުންނަށް ގޮވައިލާފައެވެ. ޓްރައޮރޭ ބުނީ، ޞުލްހަވެރިކަމާ އެކު ވެރިކަން ބަދަލު ކުރުމަށް ޑެމީބާއާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. ޓްރައޮރޭ ބުނީ، ޑެމީބާގެ ވެރިކަން ވައްޓައިލާފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމަލުތައް ހުއްޓުވަން އޭނާ ނުކުޅެދުމުން ކަމުގައެވެ. ޑެމީބާ އިންތިޚާބީ ރައީސް ކަބޯރޭގެ ސަރުކާރުން ޖަނަވަރީ މަހު ވައްޓައިލާފައި ވަނީ ވެސް އެ ސަބަބާ ގުޅުވައެވެ. އެ ޤައުމުގެ 40 އިންސައްތަ އަދިވެސް އޮތީ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައެވެ.
އެމެރިކާއާއި އެފްރިކާގެ އިއްތިހާދާއި ވިލާތުގެ އިއްތިހާދުގެ އިތުރުން އެފްރިކާ ބައްރުގެ ސަރަޙައްދީ ގުޅުން އެކޮވާސްއިން ވަނީ ބުރުކިނާ ފާސޯގެ ބަޣާވާތް ކުށްވެރި ކޮށްފައެވެ.
"ބުރުކިނާ ފާސޯއަށް ބޭނުން ވަނީ ޞުލްޙައާއި ހަމަޖެހުމާއި އެއްބައިވަންތަކަށް. އެ ޤައުމުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާޢަތްތައް ހުއްޓުވޭނީ އެ ކަންކަން ކުރިއަރުވައި ދަމަހައްޓައިގެން،" އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.
2015ވަނަ އަހަރުން ފެށިގެން ބުރުކިނާ ފާސޯގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތަކެއް ހާސް މީހުން ވަނީ މަރުވެފައެވެ. އަދި، ދެ މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ރެފިޔުޖީންނަށް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ