އައްޑޫ ސިޓީ ކައުންސިލް 30 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ބުނީ ގަވައިދާ ޚިލާފަށް އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި، ގޮނޑުދޮށަށް ވެލި އެޅުމާ ގުޅިގެން އެކަމުގެ ޝަކުވާ އެ އެޖެންސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އެ ސަރަހައްދުގެ 17،818 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާ ކަމާއި އެ ސަރަހައްދުން 1،712 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ޖުމްލަ 30,897,955 ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި ބުނާ ގޮތުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އީޕީއޭއަށް ދެއްކުމަށް އައްޑޫސިޓީ ކައުންސިލަށް ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ