ސެނެގާލް އަތުން އިންގްލެންޑަށް ފަސޭހަ މޮޅެއް، ކުއާޓާގައި ފްރާންސާ ދެކޮޅަށް

ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ އިންގްލެންޑުން ފަސޭހަކަމާއެކު ސެނެގާލް ބަލިކުރިއިރު ކުއާޓާގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
ރޭ އިންގްލެންޑުން ސެނެގާލްގެ މައްޗަށް ކުރިހޯދީ 3 - 0 ން ނެވެ. މެޗު ފެށިގެން ސެނެގާލުން ވެސް އިންގްލެންޑްގެ ޑިފެންސަށް ބާރުކުރި އެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ޖެހި ދެގޯލާއެކު އިންގްލެންޑުން މެޗުގެ ކޮންޓްރޯލް ނެގި އެވެ. 38 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަންގެ ލަނޑުން އިނގިރޭސިން ލީޑު ނެގިއިރު އޭގެ އިރުކޮޅެއް ފަހުން ހެރީ ކޭން އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.
ފުރަތަމަ ހާފު 2 - 0 ން އިންގްލެންޑް ކުރީގައި އޮވެގެން ނިމުނުއިރު ދެވަނަ ހާފުގައި ސެނެގާލުން ނުކުތީ ބަދަލުތަކެއް ގެނެސްގެނެވެ. މެޗުގެ ކޮންޓްރޯލް ހޯދަން ސެނެގާލުން އިންގްލެންޑަަށް ޕްރެޝަރުކޮށްގެން ކުޅެން މަސައްކަތްކުރި ނަމަވެސް 57 ވަނަ މިނެޓުގައި އަނެއްކާވެސް އިންގްލެންޑުން ލަނޑެއް ޖެހި އެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޒުވާން ފޯވާޑް ބުކާޔޯ ސަކާ އެވެ. އެލަނޑަށް ފަހު ވެސް މެޗުގައި އިންގްލެންޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހެރީ ކޭންއާއި މާކަސް ރަޝްފޯޑުގެ ހަމަލާތައް ނާކާމިޔާބުވީ އެވެ.
އިންގްލެންޑުން ކުއާޓާ ފައިނަލުގައި މިމަހުގެ 10 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށެވެ. ފްރާންސުން ކުއާޓާއަށް ދަަތުރުކުރީ ރޭ 3 - 1 ން ޕޮލެންޑް ބަލިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ