އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިހަވަންދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން މިދިޔަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅެއްގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަމަޟާންމަހުގެ ކުރިން އެ ރަށުގައި މި ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އިހަވަންދޫގެ ތަރައްޤީއާއި ކުރިއެރުމަށް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމަށެވެ. އަދި އިހަވަންދޫގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާތްﷲގެ އިރާދަފުޅުން ރައީސްގެ މި 5 އަހަރުގެ ދައުރު އެމަނިކުފާނު ނިންމަވަނީ ޞިއްޙީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށްފަހު" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އައު ޚިދުމަތްތައް ފުޅާކުރުމާއެކު ޞިއްޙީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަމުންދެއެވެ. މީގެ ތެރޭގައި ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ހިމެނެއެވެ.
އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ