'ދިރާގު ޕޭ' އާ ބަދަލުތަކާ އެކު ނެރެފި

ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައި ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ" އާ ފީޗާތަކަކާ އެކު މިއަދު ލޯންޗްކޮށްފި އެވެ. 
ވީ ކިހިނެއް؟ - އެ ޕްލެޓްފޯމު ލޯންޗުކޮށްފައި ވަނީ، އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އުހްމަދު މުނައްވަރެވެ.
ތަފްސީލު - ދިރާގުޕޭގެ އާ ޕްލެޓްފޯމް އިން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
ބިލް ސްޕްލިޓިން
ސަބް ވޮލެޓް
ޕިއާ-ޓު-ޕިއާ ޓްރާންސްފާ
ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން
ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު މިވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފައި ކަމަށެވެ. އަދި މި ބަދަލުތަކަކީ، ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ދިރާގު ފިންޓެކްގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ:
ދިރާގުގެ ނެޓްވޯކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކްކަމަށް
އެއާއެކު ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އަދި އާމުންނަށް އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެރުވުން ކަމަށް
މި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ:
ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގުކަމަށް
އެމްއެމްއޭ އާއި ދިރާކު އެކުގައި މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރެވިދާނެ ކަމަށް 
ފާހަގަކޮށްލެވޭ - ދިރާގު ފިންޓެކް އަކީ، ރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އުފައްދައިފައިވާ، ސައްތައިން ސައްތަ ދިރާގު ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏެކެވެ. އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރައިގެ ހިދުމަތް ތައާރަފްކުރުމާއެކު، ދިރާގު ފިންޓެކް ވެގެން ގޮސްފައި ވަނީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅުނު ފުރަތަމަ ފަރާތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ