ސައިފްގެ ބައްޕަ ނިޔާވުމުން ކައިވެނި ފަސްކުރަން ޖެހިއްޖެ

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ކައިވެނީގެ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ކައިވެނި ކުރަން އުޅޭ ވާހަކަ އާއި ކައިވެނި ފަސްކުރި ވާހަކަ އާއި މިކަހަލަ ވާހަކަތަކެކެވެ. އަދި ދެ މީހުންގެ މެދުގައި ތަފާތު މައްސަލަތައް ޖެހޭ ވާހަކަ ވެސް ފިލްމީ މަޖައްލާތަކުގެ ފަލަ ސުރުހީއަށް އަރަ އެވެ. މި ވާހަކަތަކަށް ނިމުމެއް ގެނައުމަށްޓަކައި ދާދި ފަހުން ސައިފް އާއި ކަރީނާ ވަނީ އެމީހުންގެ ކައިވެނީގެ ވާހަކަ މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ. އެ ދެ މީހުން ބުނި ގޮތުގައި އެންމެ ފުރަތަމަ ކައިވެނި ކުރަން ވާހަކަ ދެކެވުނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް މިހާރު ވަނީ މި ކައިވެނި ކުރުން އަންނަ އަހަރުގެ ފެބްރުއަރީއަށް ފަސްކޮށްފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސައިފްގެ ބައްޕަ އަދި އިންޑިއާގެ އެންމެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ޚާން މަރުވުމުގެ ބޮޑު ހިތާމައިގެ ސަބަބުން ފެބްރުއަރީގައި ވެސް ކައިވެނީގެ ކަންތައްތައް ނުބާއްވާނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ކައިވެނީގެ އިތުރުން ސައިފްގެ ހޯމް ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ފިލްމު "އޭޖެންޓު ވިނޯދު" ރިލީޒްކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ކުލަގަދަ ހަފްލާ ވެސް މިހާރު ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ