ބަޖެޓް އަރަނިކުރެވެންދެން ރައީސްގެ މުސާރަ އިން 50 ޕަސެންޓް އުނިކުރަންޖެހޭ: ޔާމީން

ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް ބަޖެޓް އަރަނިކުރެވެންދެން ރައީސްގެ މުސާރަ އިން 50 ޕަސެންޓް އުނިކުރަންޖެހޭ ކަމަށާއި ސިޔާސީ މަގާމުތައް ވެސް މަދުކޮށް މުސާރަތައް ކުޑަކުރަން ޖެހޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލަ ޕީޕީއެމްގެ ވެރިކަމެއްގެ ފުރަތަމަ ދެ އަހަރު ހައްލުކޮށްދެއްވާނެ ކަމަށެވެ. އެ ކަމަށްޓަކައި ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމާއެކު ރައީސްގެ މުސާރައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުންގެ މުސާރަތައް ވެސް ކުޑަކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަތައް ވެސް ބިނާވެގެންދާނީ ރައީސްގެ މުސާރައިގެ މައްޗަށް ކަމަށާއި މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކުޑަކުރި ނަމަވެސް ސިވިލް ސާވެންޓުންގެ މުސާރަ އަށް އަސަރުކޮށްގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ފަންނީ ބޭފުޅުންގެ މުސާރަ ރަނގަޅުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަދި 50 ޕަސެންޓް ސްލޭޝްވިޔަސް އެއިގެ މާނައަކީ އެހެން ކޮންމެ މުއައްސަސާއެއްގެ އިސް ބޭފުޅެއްގެ މުސާރަ 50 ޕަސެންޓް ސްލޭޝް ވާނީކީ ނޫން. އެހެން ނަމަވެސް އެކަށީގެންވާ އެއްޗެއް ކުޑަކުރުމަށް އެ ބޭފުޅުން ވެސް ތައްޔާރަށް ތިއްބަވަން ވާނީ،" ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ މި މަސް ހުސްވުމުގެ ކުރިން ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ޕީޕީއެމްގެ މެނިފެސްޓޯ އާއްމުކުރާނެ ކަމަށެވެ. މެނިފެސްޓޯގެ މައިބަދައަކީ އިގްތިސާދު ހަރުދަނާކޮށް ޒުވާނުން ބާރުވެރިކުރުމާ އެކު ރާއްޖޭގައި އަމަންއަމާންކަން ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންހެނުންނާ ގުޅުން ހުރި ކަންކަން ހަރުދަނާކޮށް ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ވެސް މެނިފެސްޓޯގެ މައިގަނޑު ބައިތަކެއް ކަމަށެވެ. މިހާރު އޮތް ބޮޑު ބަޖެޓް ޑެފިސިޓް ކުޑަނުކޮށް ޑޮލަރުގެ އަގު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެން ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، އޭނާ ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ޑޮލަރުގެ ނިސްބަތުން މިހާރަށްވުރެ ދަށް ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. "އަދިއެއް ދަންނަވާކަށް ނޭނގެ ދެ އަހަރު ނުވަތަ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ދިވެހި ރުފިޔާގެ އަގު، މިސާލަކަށް އެމްޑީޕީން ވައުދުވެވަޑައިގެންނެވި ގޮތަށް 10 ރުފިޔާ އަށް ޑޮލަރެއް ހަދައިދޭނަމޭ، އެކަހަލަ ޕްރޮމިސްއެއް ނުކުރާނަން. އެއީކީ އެއްގޮތަކަށް ވެސް ހާސިލުކުރެވޭނެ ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޑިއުޓީ ފްރީ ވިލެޖާއި އެހެނިހެން ކަންކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް އަލަށް ރަށްތައް ދޫކުރާއިރު އެއިގެ ތެރެއިން ބައެއް ރަށްރަށަކީ މެދުފަންތީގެ ވިޔަފާރިވެރިންނަށް ވެސް ތަރައްގީކުރެވޭނެ ރަށްތަކަކަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު މިއޮތް ގޮތުން ދައުލަތަށް އިތުރު އާމްދަނީ ހޯދާ ކަމަށްވަނީ ނަމަ ހަދަންޖެހޭ ގޮތަކީ ޖީއެސްޓީ ބޮޑުކުރަމުން ބޮޑުކުރަމުން ދިއުން. ޓުއަރިޒަމް އިންޑަސްޓްރީން އެކަނި ޓެކްސް ބޮޑުކުރަމުން ގެންދެވިދާނެ ކަމަކަށް ގަބޫލުކުރާކަށް އެހާ ފަސޭހައެއް ނޫން،" އޭނާ ވިދާޅުވި އެވެ. ޔާމީން މިރޭ ވެސް ވިދާޅުވީ ރާއްޖެ އިން ތެޔޮ ހޯދުމުގެ މަސައްކަތް އޭނާގެ ސަރުކާރެއްގައި ކުރާނެ ކަމަށެވެ. އަދި މި އަހަރުގެ ރިއާސީ އިންތިހާބުގައި އަލަށް ވޯޓުލާ އާބާދީގެ 65 ޕަސެންޓް ވޯޓު ޕީޕީއެމަށް ލިބޭނެކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ