މަޓާޓޯ ޓްރެވަލް އެވޯޑަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ "މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑް" އަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މި އެވޯޑުގައި ޖުމްލަ 18 ކެޓަގަރީއަކުން 97 ފަރާތަކުން ވަނީ ނޮމިނޭޓް ވެފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލާނީ MTA ޖެހުމަށް ފަހު ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ދީފައިވާ ކޯޑާ އެކު 5005 އަށް މެސެޖް ފޮނުވައިގެންނެވެ. ދިރާގާއި އުރީދޫ ކަސްޓަމަރުން ވެސް ބޭނުންކުރާނީ ހަމަ މި ނަންބަރެވެ. ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ ކޯޑުތައް މަޓާޓޯގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. މަޓާޓޯ އިން ބުނި ގޮތުގައި އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލާން ހަމަޖައްސާފައިވަނީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އާންމުންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ވޯޓު ލުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށެވެ. އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. ކޮކޯ ބޮޑު ހިތީގައި ބާއްވާ އެވޯޑު ހަފުލާގެ ކުރިން ހާއްސަ އެޑިޝަން ވަނީ މިދިޔަ މެއި މަހު ދުބާއީގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ހަފުލާގައި ހާއްސަ ހަ ކެޓަގަރީއަކުން އެވޯޑު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ