މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު އަންނަ އަހަރު 1000 ކުދިންނަށް ދޭނީ

މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު އަންނަ އަހަރު 1000 ކުދިންނަށް ދޭން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު ހުށައެޅުމަށް މިއަދު މަޖިލީހުގައި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ ވަޒީފާ ނެތް މީހުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަ ކަމަށާއި އަދި މީ މިހާރު ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.
ވަޒީފާ ނެތް މީހުން ރާއްޖޭގައި ގިނަވަމުން ދިއުމާ ގުޅިގެން ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށް ބޮޑެތި އިޖްތިމާއީ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.
"ހާއްސަކޮށް ސްކޫލް ނިންމާފައި ކޮންމެ އަހަރަކު ނިކުންނަ ކުދިންނަށް ވަޒީފާ އާއި ތައުލީމާއި ހުނަރުގެ ފުރުސަތު ހޯދައިދޭން ވަނީ ޖެހިފައި. މިކަން ހައްލު ކުރުމުގެ ގޮތުން 1000 ކުދިންނަށް މަތީތައުލީމު ހާސިލް ކުރުމުގެ ފުރުސަތު 2013 ވަނަ އަހަރު ފަހިކޮށްދިނުމަށް ވަނީ ރޭވިފައި،" ޖިހާދު ވިދާޅުވިއެވެ.
ޖިހާދު އިތުރަށް ވިދާޅުވީ ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވަމުން ދިއުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި ވާކަމަށެވެ.
ވަޒީފާގެ ފުރުސަތު ނެތް މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައިވެސް ވަނީ "ހުނަރު ޕްރޮގުރާމް"ގެ ނަމުގައި 8500 ޒުވާނުންނަށް ކިޔެވުމުގެ ފުރުސަތު ތަކެއް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ