ހިތަދޫގައި ވަޅިން ދިން ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށް، އިތުރު ބަޔަކު ހޯދަނީ

ސ. ހިތަދޫގައި އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށް، ތުހުމަތު ކުރެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ހުންނަ އިޓާލިއަން އައިސް ރެސްޓޯރެންޓް ކައިރީގައި އިއްޔެ ހަވީރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން އެ ރަށު ހުޅެހި ހުސައިން ޝަފީގް، ،24 އަށް ހަމަލާ ދީފައި ވަނީ އަށް މީހަކު ހިމެނޭ ގްރޫޕަކުން ކަމަށެވެ. މި ހާދިސާގައި ޝަފީގުގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން އޭނާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކަށިން ދެ އިންޗި ވަރުގެ ތަނެއް ކަފައިގެން ދިއުމުގެ އިތުރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. މަންޒަރު ދުށް މީހަކު އިއްޔެ ބުނީ ސައިކަލްތަކެއްގައި ގްރޫޕް ހަދާފައި ދިޔަ ބަޔަކު ޝަފީގަށް ހަމަލާ ދީފައި ވަނީ އޭނާ އާއި އިތުރު ބަޔަކު އިޓާލިއަން އައިސް ރެސްޓޯރެންޓް ކުރިމަތީގައި ތިއްބައި ސައިކަލުން ދިޔަ މީހުން އެތަނަށް މަޑުކޮށް ޒުވާބުކުރުމަށް ފަހު ކަމަށެވެ. ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިދިޔަ މަހުގެ ކުރީކޮޅު ވެސް ހިތަދޫގައި 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިރު، ބިދޭސީއަކަށް ވެސް ރަހުމް ކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ދާދި ފަހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ