ޔާމީން ދޫކޮށްލުމަށް ނޫނީ ދައުވާ ކުރުމަށް ސަރުކާރަށް ބާރުއަޅައިފައިވާނެ: އޯ ބްލޭކް

19:00ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް އެހެން ނޫނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ސަރުކާރަށް ބާރުއަޅުއްވާފައިވާނެ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ރޮބަޓް އޯ ބްލޭކް ވިދާޅުވެއްޖެ އެވެ.ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވައިލުމަށް ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމަށްޓަކައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް މިއަދު ރާއްޖެ ވަޑައިގެން ރޮބަޓް ބްލޭކް ވަނީ ސަރުކާރާއި އަދި އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފަ އެވެ.އެ މަޝްވަރާތަކަށްފަހު މިއަދު އިރޮއޮސުނުއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރިން ރާއްޖެ އަށް ކަނޑައަޅައިފައި ހުންނެވި އެމެރިކާގެ ސަފީރު ވިދާޅުވީ، ސިފައިންގެ ބެލުމުގެ ދަށުގައިވާ ޔާމީންގެ މައްސަލަ އަކީ ޤާނޫނީ ގޮތުން ވަރަށް އޮޅުންބޮޅުންވެފައިވާ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް، އެ މައްސަލާގައި ދެ ފަރާތުން ވެސް އެއްބަސްވުމަކަށް އައުމަށާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ގޮވާލައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި. އަދި ޔާމީން ދޫކޮށްލެއްވުމަށް އެހެން ނޫނިއްޔާ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ދިވެހި ސަރުކާރަށް ބާރުއަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވި ރޮބަޓް ބްލޭކް ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު ބޭއްވެވި މަޝްވަރާތަކުގެ ތަފްސީލު ދެއްވަން ދެކޮޅުހައްދަވައިފަ އެވެ. ރޮބަޓް އަދި ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ނޫން ކަމަށާއި ރާއްޖެ ވަޑައިގެންނެވީ ކަމާބެހޭ ފަރާތްތަކާއެކު އެކުވެރިކަމާއެކު ވާހަކަ ދައްކަވާ އެއްގަލަކަށް އެރުވޭތޯ މަޝްވަރާކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ