ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ 3 ޕޮއިންޓް ދަށަށް

ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ، ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި)ގައި 2021 ވަނަ އަހަރު ދިވެހިރާއްޖެ 3 ޕޮއިންޓް ދަށަށް ވެއްޓި، 10 ގިންތި ދަށް ވެއްޖެއެވެ.
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާ ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ކޮރަޕްޝަން ގިނަ ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.
ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) ގެ ފަރާތުން ނެރުނު ސީޕީއައި އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދިވެހިރާއްޖެއަށް ލިބުނީ 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021 ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައިސްފައި ވީނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ހެދިފައިވާ ގާނޫނުތަކަށް އަމަލުކުރުމުގައްޔާއި ތަންފީޒުކުރުމުގައި ދިވެހިރާއްޖެ އަދިވެސް ފަހަތައް ޖެހޭކަމަށް 2021 ގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، އަދި ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭކަންވެސް ޓްރާންސްޕޭރެންސީން ފާހަގަކުރެއެވެ.
ރާއްޖޭގައި ގްރޭންޑް ކޮރަޕްޝަންފަދަ ކޮރަޕްޝަންގެ ބޮޑެތިއަމަލުތައް އޮތްކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަކުރެއެވެ.
އެގޮތުން ޓްރާންސްޕޭރެންސީން ބުނާ ގޮތުގައި ސަރުކާރުގެ މަތީމަގާމުތަކުގައި ތިބޭ މުއްސަނދި މަދުބަޔަކު ގިނަ ބައެއްގެ ހައްގުތައް ނަގާލާއި އަމިއްލަ މަންފާ ހޯދަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ