ފުލުހުންގެ އާ ގާނޫނާއެކު ހޯމް މިނިސްޓްރީގެ ޒިންމާއަކީ ސިޔާސަތު ކަނޑައެޅުން: ނަޝީދު

މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ އައު ގާނޫނުގެ ދަށުން، ހޯމް މިނިސްޓްރީގެ ޒިންމާއަކީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާ ކަން ރައީސް އޮފީހުން ވަނީ ހޯމް މިނިސްޓަރަށް އަންގައިފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އާދަމް ޝަރީފްގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށް ބުނެފައިވީނަމަވެސް ފުލުހުންގެ އައު ގާނޫނުގައި އެކަމަށް އިސްލާހު ގެނެވިފައިވާ ކަމަށެވެ. "އިއްޒަތްތެރި މެންބަރުން ގާނޫނަށް އިސްލާހު ގެންނަވާ މިހާރު އެ ކަމާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނޭ ވަޒީރަކު ހުންނަން ޖެހޭނެ ކަމަށް," ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ވަޒީރުގެ މަސްއޫލިއްޔަތުތައް ވެސް ގާނޫނުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. "އެ ތަފްސީލްތައް ބެއްލެވީމާ އެނގިވަޑައިގަންނަވާނެ ވަޒީރަށް މިހާރު ހަވާލުކުރެވިފައިވާ މަސައްކަތްތަކަކީ ސިޔާސަތު ކަނޑައެޅުން ކަން. ފުލުހުންގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އަޅުގަނޑު ހިތުން މި ބަދަލެއް އައިސްފަައިވާ ނަމަ އައިސްފައިވާނީ،" ނަޝީދު ވިދާޅުވިއެވެ. މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާ ކަމަށް އަންގައިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައެވެ. މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހަކީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ