އެމްއެމްޕީއާރުސީގެ މައްސަލަތައް ނުބެލި އޮތީ މައްސަލައިގެ ފުންމިނުން: ނަޝީދު

އެމްއެމްޕީއާރުސީގެ މައްސަލަތައް މިއަދާއި ހަމައަށް ނުބެލި އޮތީ އެ މައްސަލަ އޮޅިފައޮތް މިންވަރާއި، އެ މައްސަލައިގެ ފުންމިނާއި ފުޅާމިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެޕާޓީން އިއުލާންކުރި އެޖެންޑާ19ގެ މައިގަނޑު 5 ވައުދުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުކަމުގައިވާ އިންސާފުގެ ވައުދުގައި ހިމެނޭ މުހިންމު ގިނަ ގާނޫނުތައް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް މިއަދާއި ހަމައަށް ނުބެލި އޮތީ އެ މައްސަލަ އޮޅިފައޮތް މިންވަރާއި، އެ މައްސަލައިގެ ފުންމިނާއި ފުޅާމިނުން ކަމާއި ކޮމްޕްލެކްސް ކަމުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލަމުން އަންނަނިކޮށް ވަކިހިސާބަކުން އިތުރު ހެކި ފުލުހުންނަށް ލިބެންފެށުމާއެކު އެ މައްސަލަތައް ބޮޑުކޮށް ބެލުމަށް ސަރުކާރަށް ފެށީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
250ހަށް ވުރެ ގިނަ މީހުން އެމްއެމްޕީއާރުސީ މައްސަލަގައި ޝާމިލްވާކަން އެމަނިކުފާނަށްވެސް ފާހަގަވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އުންމީދުކުރަނީ އެ ހުރިހާ ޝަރީޢަތެއްވެސް ހިނގާނެ ކަމަށެވެ.
މި ހުރިހާ މައްސަލަތައް ބެލުމަކީ އެހާ ފަސޭހަކަމެއްނޫން ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލަކީ ކުޅަދާނަ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމްއެމްޕީއާރުސީގެ މައްސަލަތައް ބެލުމަށް ޕީޖީއަށް އެނގިވަޑައިގަންނަވާނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީ ދޫކޮށްލުމަށް ފަހު ދާނެ އެހެން ތަނެއް ނެތް ކަމަށާއި އެމްޑީޕީ ސިޔާސީ މައިދާނަށް ނިކުމެ މިތިބީ އިންސާފު ހޯދައިދިނުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތައް ބަންދުކޮށްފައި ބޭތިއްބުމަށްފަހު ކެމްޕެއިން ކުރެވިގެންވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އަދި އެގޮތަށް އެކަން ކުރާނެ ކަމަށް ނުދެކޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ