ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިންމު: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މާޗް މަހުގެ ވަނަ ދުވަހު ލޯކލް ކައުންސިލް އިންތިޚަބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެންނެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ 3 ފެބްރުއަރީގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ކަމުގައިވީނަމަވެސް އިންތިޚާބު މާޗު މަހުގެ 6 ވަަނަ ދުވަހުގައި ނުބޭއްވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވީހާވެސް އަވަހަށް ކައުންސިލް އިންތިހާބު ބޭއްވުން މުހިންމު ކަމަށާއި، ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރުން މުހިންމު ކަމަށެވެ.
މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން އެޗްޕީއޭއިން އިއުލާން ނުކޮށްފިނަމަ މާޗް މަހުގެ 6 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ވަނީ ހާއްސަ ބިލެއްވެސް ފާސްކޮށްފައެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި 10ގެ ކުރިންނެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު" ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ