ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ ކުއްޖަކަށް ހަދާ "ތައުލީމުގެ ބިލު" މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މުުހައްމަދު މުމްތާޒް މިދިޔަ އަހަރު ޑިސެމްބަރުމަހު ގައި ހުށަހެޅުއްވި ތައުލީމުގެ ބިލް ފާސްވީ 55 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލުގައި ޕްރީ ސްކޫލް ތައުލީމާ ސާނަވީ ތައުލީމާ މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ އިރު ދަރިވަރުންގެ ހައްގުތަކާ ބެލެނިވެރިންނާ ޓީޗަރުންނާ ސަރުކާރުގެ ޒިންމާތައްވެސް އެ ބިލުގައި ބަޔާންކޮށްފާވެއެވެ.
އެގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކަށް ވާން ޖެހެއެވެ. ނަމަވެސް، ކޮމިޓީ މަރުހަލާގައި ވަނީ ކޮންމެ ކުއްޖަކުވެސް 18 އަހަރު ފުރެންދެން ތައުލީމީ ނުވަތަ ހުނަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާތޯ ކަށަވަރުކުރުން ލާޒިމުކޮށްފައެވެ.
މީގެ އިތުރުން އެ ބިލުގައި ބުނާގޮތުން ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމާ ފަށާ ތައުލީމާ ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެއެވެ.
އެ ބިލުގައި ޓީޗަރުންނަށް އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ، މިހާތަނަށް ރާއްޖޭގައި ކިޔަވައިދިނުމަށް ވަކި ހާއްސަ ލައިސަންސެއް ދޫކޮށްފައި ނެތް ކަމަށް ނަމަވެސް މިއަދު ފާސްކުރި ބިލާއެކު ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭނަމަ ރަޖިސްޓްރީކުރުން މަޖުބޫރުވާނެއެވެ.
މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގައެވެ.
ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ތަންތަން، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭއިރު އެފަދަ ރަޖިސްޓްރީއެއް ނެތި ހިންގަމުންދިޔަ ތަންތަން ވެސް، ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ޖެހެއެވެ.
އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 10ގަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ