ނަސަންދުރާ ހިޔާނާތް 86 މިލިޔަންގައި، ދައުވާ ނުކުރެވުނީ އޭޖީގެ ލަފަޔަކާއި ގުޅިގެން!

ނަސަންދުރާ ޕެލަސް ހޮޓެލް ހިންގި ބިން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ފަހު ކުރިން އެ ބިން ދޫކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލައި މިހާރު އެތަން އިމާރާތް ކުރާ ކުންފުންޏާ ހަވާލުކުރި މުއާމަލާތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭއިރު، އެ މުއާމަލާތުގެ އަގު 86 މިލިޔަން ރުފިޔާ އަށް އަރާކަން ހާމަވެއްޖެ އެވެ.
ނަސަންދުރާ އަކީ 2010 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޅިޔަންބޭފުޅެއް ކަމަށްވާ މަރުހޫމް މުހަންމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިން ހިންގި ހޮޓަލެކެވެ. އެ ތަނުގެ އެއްބަސްވުން އުވާލީ 2015 ވަނަ އަހަރު އެވެ.
ނަމަވެސް އެ އެއްބަސްވުން އުވާލި ދުވަހު އެ ބިން، އެއްލައިދޫ މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލު ކުރި އެވެ. އަދި މިހާރު އެ ތަނުގައި އަޅާ އިމާރާތަކީ އެ ކުންފުނިން އެ ތަނުގައި ތަރައްގީކުރާ ތަނެކެވެ.
އެނގިފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތައް ބެލި އެވެ. އަދި އެ މައްސަލާގައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް ވެސް ފޮނުވި އެވެ.
އެކަމަކު އެ މައްސަލާގައި އޭރުގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް ދެއްވި ލަފަޔަކާއި ގުޅިގެން އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ބުނެ ޕީޖީން އަނބުރާ އެ މައްސަލަ ވަނީ އޭސީސީ އަށް ފޮނުވާފަ އެވެ. އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބު އަނިލް ލަފާދެއްވީ އެންޕީއެޗް އިންވެސްޓްމެންޓަށް އެ ބިން ދިން އެއްބަސްވުން ސައްހަ ކަމަށެވެ. ނަމަވެސް އެ ނިންމުން ބިނާކޮށްފައިވަނީ ކޮން ކަމަކަށް ކަމެއް ސާފެއް ނުވެ އެވެ.އޭސީސީން ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ހަތަރު ބިލިޔް ލިބެންޖެހޭއިރު، މިހާތަނަށް ލިބުނީ މިލިޔަނެއް!
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ފޮނުވި ހިޔާނާތާއި މަދަނީ މައްސަލަތަކުގައި ދައުލަތަށް ހަތަރު ބިލިޔަން ރުފިޔާ ލިބެން ޖެހުނު ނަމަވެސް މިހާތަަނަށް ލިބުނީ 1.4 މިލިޔަން ރުފިޔާ ކަމަށް އޭސީސީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމިޓީގައި މައުލޫމާތު ދެއްވަމުން އެސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އިއްޔެ ވިދާޅުވީ، ހިޔާނާތުން ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުންތަކެއް ލިބުނު މައްސަލަތަކެއް ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ފޮނުވުމުން ޕީޖީ އެ މައްސަލަތައް އަނބުރާ އެ ކޮމިޝަނަށް ފޮނުވާލާފައިވާ ކަމަށެވެ.
މުއައްވިޒް ވިދާޅުވީ ދައުލަތަށް ހަތަރު ބިލިޔަން ރުފިޔާ ގެއްލިގެން ގޮސްފައިވާއިރު އޭގެ ތެރެއިން 1.9 ބިލިޔަން ރުފިޔާގެ މައްސަލަ ދައުވާ ކުރަން ފޮނުވި ކަމަށެވެ. ނަމަވެސް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިވަނީ 1.4 މިލިޔަން ރުފިޔާ ކަން ލިޔެކިޔުންތަކުން ދައްކާ ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަކި ގޮތަކަށް ކުރަން އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް ގިނަ މައްސަލަތައް ބެލުމަށް ފަހު ޕީޖީ އަށް ފޮނުވި ކަމަށް މުއައްވިޒް ވިދާޅުވި އެވެ. ނަމަވެސް ގިނަ މައްސަލަތައް ދައުވާ ނުކޮށް އަނބުރާ އެ ކޮމިޝަނަށް ފޮނުވާލި އިރު، އެ ފޮނުވާލި ސަބަބު އެ އޭސީސީ އަށް ގަބޫލު ނުކުރެވޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
އެގޮތުން ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި ވޭތުވެދިޔަ ފަސް އަހަރު ދައުލަތަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި އޭސީސީން އެ މުއްދަތުގައި ބެލި އެންމެ ބޮޑެތި ފައިސާގެ މައްސަލަތައް ހިމެނޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ފޮނުވާލީ މިހާރު ވެސް ޕީޖީގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލަތަކުގެ ތެރޭގައި މިނިވަން 50 ގެ ޖާފަތުގެ މައްސަލާގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ އަދި އެމްޕީއެލް އަށް ޑޮލަރު ގަތް މައްސަލަ ހިމެނޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އޭގެ އިތުރުން އެމްއާރްޑީސީ އަށް ސިމެންތި ގަތް މައްސަލައަކާއި، ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތް މައްސަލަ އަދި ފެނަކަ އަށް ޑީސަލް ގަތް މައްސަލަ ވެސް ޕީޖީން އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ