ހިޔާނާތުގެ ފައިސާ ދޮންނަން އެފްއޭއެމް ބޭނުންކުރި ކަމުގެ ތުހުމަތު

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދޮންނަ ތަނެއްގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް ބޭނުންކޮށްފައިވާކަމުގެ ތުހުމަތު ޔޫޕް ސްޕޯޓްސް އެންޑް ކޮމިނިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، މިނިސްޓަރު އަލީ ވަހީދު ކުރައްވައިފިއެވެ.
ޓްއަރިޒަމް މިނިސްޓަރުކަމުގައިވެސް ހުންނެވި އަލީ ވަހީދު މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބޮޑު ހިޔާނާތުގެ ކަޅު ދަބަސްތައް އެފްއޭއެމްގެ ތެރެއަށް ވައްދާ ނެރޭތަން ފެނުމުން އެކަމާއި ކަންބޮޑުވާ ކަމުގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެފްއޭއެމްގެ ތެރޭގައި ގެންގުޅުމުގެ އިތުރުން އެ އިދާރާގައި ސިޔާސީ ހަރަކާތްތައް ހިންގާފައި ވުމަކީވެސް ކަންބޮޑުވާކަމެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު އިޝާރާތް ކުރެއްވީ ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމް ހައުސްގައި ހިންގި ހިންގުމަށެވެ.
މީގެ އިތުރުން އަލީ ވަހީދުވަނީ ކްލަބްތަކަށް ސަރުކާރުން ފައިސާ ނުދޭނެކަމަށްބުނެ އެފްއޭއެމުން ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ. އަދިސަރުކާރު ބަދުނާމުކޮށް ވާހަކަތައް ނުފެތުރުމަށްވެސް އަލީ ވަހީދުވަނީ އެދިވަޑައިގަންނަވާފައެވެ.
ކުލަބްތަކަށް ފައިސާ ނުދޭނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައި ނެތްކަމަށާއި މަސައްކަތްކުރަނީ ކްލަބްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހޯދަންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފައިސާތަކެއް ދިން ނަމަވެސް އެކަމުން ފައިދާ ނުކުރިކަމުގެ ހެއްކަކީ ރާއްޖޭގެ ކްލަބްތައް ބަނގުރޫޓުވެފައި އޮތުން ކަމަށާއި މިހާރުގެ ސަރުކާރުގެ ވިސްނުމަކީ ކުންފުނިތައް މެދުވެރިކޮށް ހުރިހާ ކުޅިވަރަކަށާއި ހާއްސަކޮށް ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް ގެނައުންކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ