އެންމެ މުހިންމު ކަމަކީ ފަނޑިޔާރުގެ ސާފު ކުރުން: ނަޝީދު

މި ސަރުކާރުގެ ކަންކަން ލަސް ވާހަކަ ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެންމެ އިސްކަމެއް ދީގެން އެންމެ ފުރަތަމަ ކުރުމަށް ނިންމާފައި އޮތީ ޝަރުއީ ދާއިރާ އިސްލާހުކޮށް ފަނޑިޔާރުގެ ސާފު ކުރުމުގެ މަސައްކަތް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ބައްދަލުވުމުގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލި އިރު ވެސް އެންމެ ފުރަތަމަ ކުރާނެ ކަމެއް ކަމަށް ބުނަމުން އައީ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ. "ކަންކަން ލަސްވާ ކަމަށް އަޅުގަނޑުމެނަށް އެބަ ބައެއް ފަހަރަށް، ބައެއް ދިމަ ދިމާލުން އަޑު އިވޭ. އެހެން ނަމަވެސް އެންމެ މުހިންމުކޮށް ކުރުމަށް އަބަދުވެސް ނިންމިފަ އޮތް ކަމަކީ ފުރަތަމައިނުން ޝަރުއީ ނިޒާމް އިސްލާހު ކުރުން. ފަނޑިޔާރުގެތައް ސާފު ކުރުން،" އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ. ފަނޑިޔާރުގެ އިސްލާހު ނުކޮށް އެހެން މަސައްކަތަކާއި ދިމާލަށް ދިއުމަކީ މީގެ ހައެއްކަ މަސް ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ބުއްދިވެރި ކަމެއް ނޫން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ ތާވަލް ކޮށްފައިވާ ގޮތަށް ކަމަށެވެ. "އެހެން އުމުރާނީ ޕްރޮޖެކްޓްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް އަޅުގަނޑުމެނަށް އެބައޮތް އަންދާޒާ ހިސާބްތަކެއް ތާރީހް ތަކެއް ފެންނަން. އެހެންވީމަ އެތާރީހުތަކުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި ސަރުކާރުގެ ޕްރޮޖެކްޓްތައް ވެސް ޕީއެސްއައިޕީ މަސައްކަތްތައް ވެސް އަދި ލާމަރުކަޒީ ނިޒާމްގެ ބޭނުންތައް ވެސް އެންމެ ކުޑަ އުޖޫރަ ވެސް ބޯހިޔާވަހިކަން ވެސް ދަތުރުފަތުރުގެ ނިޒާމް ވެސް މަހުގެ ހަމަ އަގު ލިބުން ވެސް އަޅުގަނޑުމެން މި އިންތިހާބަށް ނިކުތް އިރުގައި ވެފައި ހުރި ވައުދުތަކާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ހިނގަމުން ކުރިއަށް ދާނެ،" ނަޝީދު ވިދާޅުވި އެވެ. ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުން އަންނައިރު ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ނިންމައި ދެ ފަނޑިޔާރުން އައްޔަނު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފެށޭ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނު ކޮށް ނިންމާލެވޭނެ ކަމަށް ވެސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ