އަޅުގަނޑަށް ކޮށްފައިވާ ދައުވާއަކީ ޕީޖީ ބިޝާމް މައްސަލައިން ރެކުމަށް ކޮށްފައިވާ ދައުވާއެއް: އާޒިމާ

ފައިސާގެ މުއާމަލާތުގައި މަނީ ލޯންޑަރިންގެ އަމަލު ހިމެނިފައިވާ ނަމަ، އެކަން ފުރިހަމަވެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް، އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހުންނެވި އިރުގައި ހިނގައި ގޮސްފައިވާ ކަންކަމުގެ މައްޗަށް ކަމަށްވުމުން، ދައުވާ ފަރުމާކޮށްފައިވަނީ ބިޝާމްގެ ދައުރު ނުފެންނާނެގޮތަށް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުމަށް މިއަދު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވެފައެވެ. އަދި އެ އަޑުއެހުމަށްފަހު އާޒިމާ ވަނީ އެ ދައުވާއާ ގުޅޭ މީޑިއާ ސްޓޭޓްމަންޓެއް ނެރުއްވައިފައެވެ.
އާޒިމާ ވިދާޅުވީ އެއީ ޕީޖީ ބިޝާމްގެ އަމިއްލަ މަސްހަތެއް އޮތް ކަމަކަށްވުމުން އެއީ އޭނާއަށް ކުރެއްވޭނެ ދައުވާއެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ ދައުވާއެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައިވަނީ އެ ދައުވާގައި ބުނާ މަގާމަށް އޭނާ އައްޔަންކުރުމުގެ މާކުރިން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
"އޭރު އަޅުގަނޑުގެ މައްޗަށް ދައުވާކުރާ ޒިންމާތައް ދައުލަތުގައި އަދާކުރައްވަން ރައީސް އޮފީހުގައި ހުންނެވީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛް އާއިޝަތު ބިޝާމެވެ. އެހެންކަމުން މި ދައުވާގައި ހިމެނޭ ޖިނާއީ މައްސަލަ ކަމުގައި ސީޣާގައި ބަޔާންކޮށްފައިވާ މައްސަލައަކީ އަޅުގަނޑުގެ އެނގުމާއި ބައިވެރިވުން އޮވެގެން ހިނގާފައިވާ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ. އެއާ ހިލާފަށް މިއީ އަލްއުސްތާޛް އާއިޝަތު ބިޝާމް އޭނާގެ މަގާމުގެ ބޭނުންކުރައްވައިގެން، އޭނާ ބައިވެރިވުން ނުވަތަ އިހުމާލު އޮތް ޖިނާއީ އަމަލެއް ފޮރުވައި، އެއަށް ޖަވާބުދާރީވުމުންނާއި އެކަމުގެ ނަތީޖާތަކުން ރެކުމަށް ކުރައްވާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމުގައި ފާހަގަކުރަމެވެ..،" އާޒިމާގެ މީޑިއާ ސްޓޭޓްމަންޓުގައި ވިދާޅުވެފައިވެއެވެ.
އާޒިމާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ ފައިސާގެ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ފިޔަވަޅު އެޅުއްވިކަން ދެއްކުމުގެ ގޮތުން އަމިއްލަ އަމަލުތައް ފޮރުވައި ވަރަށް ފަރުވާތެރިކަމާއެކު ޑްރާފްޓް ކޮށްފައިވާ ވަރަށްވެސް އަންޕްރޮފެޝަނަލް އަދި ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ