ޖޭޕީ ހަރަކާތްތެރިވާން ވާނީ ވާދަވެރިއެއްގެ ގޮތުގައި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ޖުމްހޫރީ ޕާޓީން ހަރަކާތްތެރިވާންވާނީ ވާދަވެރިއެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.
މައްޗަށްގޯޅި މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބުވުމަށް ފަހު "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނަށް ވިސްނޭ ވިސްނުމުގައި، ސިޔާސީ ލީޑަރުން އެއްބެސް ވެފައިވަނީ ސަރުކާރު ހިންގުމުގައި އިއްތިހާދު ހެދުމަށް ކަމަށާއި، މަޖިލިސް އެކުލަވާލުމުގައި އިއްތިހާދުވުމަށް އެއްބެސް ނުވާކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި ޕީޕީއެމުން މަޖިލިސް އިންތިޚާބަށް އިއްތިހާދު ހަދައިގެން ތިބިކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެދިވަޑައިގަންނަވަނީ އެބޭފުޅުން ގުޅިގެން މަޖިލީހުގެ ތެރޭގައި އިހުލާސްތެރިކަމާއި އެކު ވާދަވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށްކަމަށެވެ.
ނަޝީދު ވިދާޅުވީ، އަބަދުވެސް އިދިކޮޅު ފަރާތް އޮންނަންޖެހޭނެ ކަމަށާއި، އަދި ސަރުކާރު ޖަވާބުދާރީވެސް ކުރުވަންޖެހޭނެކަމަށެވެ.
ސަރުކާރު ހިންގުމުގައި ޖުމްހޫފރީ ޕާޓީއާއި އެކު އިއްތިހާދުގައި ތިބިކަން ފާހަގަކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، އެކަމަކީ ޝައްކެއްވެސް އޮތްކަމެއްނޫންކަމަށެވެ. އަދި ޖޭޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ވަޒީރުން ދުރުކުރުމަށްވެސް ނޭދޭ ކަމަށާއި، އެބޭފުޅުންނަށް ދެރަގޮތެއްވުމަށްވެސް ނޭދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާއިރު އެދެނީ، ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ޒިންމާދާރު ކުރުވާ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ވާދަވެރިންގެ ގޮތުގައި އެބޭފުޅުން މަޖިލީހުގައި ދައްކާ ވާހަކަ އަޑުއަހަން ބޭނުންވާ ކަމަށާއި، އެބޭފުޅުންނަށް ކުޑަވެސް ހުރަހެއް ނާޅާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ