މުއްސަނދިން އަތުން މިއަހަރު އިންކަމް ޓެކްސް ނަގަން ފެށޭނެ: ރައީސް ނަޝީދު

ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ނެގުމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކޮށް މިއަހަރުގެ ތެރޭގައި އެ ޓެކްސް ނަގަން ފެށޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިން އަތުން ނަގާ އިންކަމް ޓެކްސް ނެގުމަށް ކުރީގެ ދެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އިންކަމް ޓެކްސް ބިލެއް ޑުރާފްޓްކޮށް އެބިލް މަޖިލީހަށް ވެސް ހުށައެޅިއެވެ. ނަމަވެސް އެބިލް ފާހެއް ނުކުރެއެވެ. ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ ޓެކްސް ނެގުމަކަށް މާ ގިނަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
ނަމަވެސް މި ސަރުކާރުގައި އެ ޓެކްސް ނަންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އިއުލާން ކުރައްވައިފައެވެ. އެގޮތުން އެ ޓެކްސް ވާނީ ޕްރޮގްރެސިވް ޓެކްސް އަކަށް ކަމަށާއި، އެކަމަށް ވަކި ޚާއްސަ ޤާނޫނެއް ފާސްކުރެވޭނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރިކަމަށް ވަޑައިގެންފަހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެމަނިކުފާނު ވަނީ ގިނައިން އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގައި، އެ ފައިސާއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ސަލާންޖެހުން ހުއްޓުވުމާއި ބޯފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ އިތުރުން ފޯރުންތެރިކަން ކުޑަ އާއިލާތަކަށް އެހީ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ އަހަރީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނަގަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ނުވެދިޔައީ އެމަނިކުފާނުގެ ސަރުކާރު "ވައްޓާލުމުން" ކަމަށާއި އެނބުރި އައިސް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ ޓެކްސް ނެގޭނެ ގާނޫނެއް ފާސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ކުރިން އަޅުގަނޑުމެންގެ ސަރުކާރު ވައްޓާލައިފި. އެހެން ނަމަވެސް އަޅުގަނޑުމެން މިތިބީ އައިސް. އިރާދަކުރެއްވިއްޔާ، މި މަޖިލީހުގައި، ޗުއްޓީއަށް ދިއުމުގެ ކުރިން އަމިއްލަ އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް ތައާރަފް ކުރުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ކުރާނެ މަސައްކަތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގައި މިހާރުވެސް ވަރަށް ބޮޑެތި ބިލުތަކެއް ހުރުމުން އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހުގެ ދެން އަންނަ ދައުރަކަށް ފަސްކުރަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދައުލަތުގެ ބަޖެޓު 2020 ވަނަ އަހަރަށް އަންދާޒާ ކޮށްފައި އޮތީވެސް އެ ޓެކުހުން ލިބޭނެ އެއްޗެއް ހިމަނައިގެން ކަމުން، މިއަހަރު އެ ޓެކްސް ނަގަން ފެށޭނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޓެކްސްގެ ނިޒާމު އުފެދިގެން އައީ 2008 ވަނަ އަހަރުގައި ގާނޫނު އަސާސީ އިސްލާހު ކުރެވި، ގިނަ ޕާޓީތަކެއް އުފެދިގެން ދިއުމުން ކަމަށެވެ. އަދި މީގެ ކުރީން އެ ޓެކްސް ނަގަން ނުފެށުނީ މަދު ބަޔަކު ހިމެނޭ ސަރުކާރުތަކެއް އެކުލެވިގެން ދިއުމުން، އޭރު ސަރުކާރުގައި ޓެކްސް ދައްކަން ޖެހޭ ފަރާތްތައް ތިބުމުން ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ