29 އަހަރުގެ ވެރިކަމަށް ފަހު، ކަޒަކިސްތާނުގެ ރައީސް އިސްތިއުފާ ދެއްވައިފި

އާސްތާނާ (މާޗް 20): ކަޒަކިސްތާނުގެ ރައީސް ނޫރުސުލްތާން ނަޒަރުބަޔެވް ވެރިކަން ކުރައްވާތާ 29 އަހަރު ފަހުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ. އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި 78 އަހަރުގެ ނަޒަރުބަޔެވް ވަނީ ވެރިކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފަދައިން ނިންމެވި ސަބަބެއް ހާމަ ނުކުރައްވަ އެވެ. "ރައީސްކަން ދޫކޮށްލަން އަޅުގަނޑު ނިންމައިފިން... މިހާރު އަޅުގަނޑުގެ ޒިންމާއަކީ ގައުމު އިސްލާހު ކުރުމައިގެން ކުރިއަށްދާނެ އާ ލީޑަރުންގެ ޖީލަކަށް ފުރުސަތު ދިނުން،" ނަޒަރުބަޔެވް ވިދާޅުވި އެވެ. ފަސް އަހަރުގެ ފަސް ވަނަ ދައުރަކަށް 2015 ވަނަ އަހަރު އިންތިހާބުވި ނަޒަރުބަޔެވް ވިދާޅުވި ގޮތުގައި، އަންނަ އަހަރު އެގައުމުގައި އާ ރިޔާސީ އިންތިހާބެއް ބާއްވަންދެން ވެރިކަން ކުރައްވާނީ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެވެ. ނަޒަރުބަޔެވް އެއިއުލާން ކުރެއްވީ ގައުމުގެ އިގުތިސާދު ކުރިއަރަމުން ނުދާ ކަމަށް ވިދާޅުވެ މިދިޔަ މަހު ސަރުކާރުގެ ގިނަ އަދަދެއްގެ މެމްބަރުން މަގާމުން ދުރުކުރެއްވުމަށް ފަހުގަ އެވެ. ދެހާސްސާދަ ވަނަ އަހަރު ދުނިޔޭގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ކަޒަކިސްތާނަށް ލިބުނު ގެއްލުމުން އަދި ވެސް އެގައުމަށް އަރައިގަނެވިފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ