ކޯލިޝަން ހެދީ ފިކުރު އެއްގޮތްވެގެނެއް ނޫން، ރައީސް ޔަމީންގެ ވެރިކަން ނިމުމަކަށް ގެންނަން: ރައީސް ނަޝީދު

ކޯލިޝަން ހެދީ އެންމެ ކަމެއް ކުރުމަށް ކަމަށާއި، އެ ކަމަކީ ރައީސް އަބްދުﷲ ޔާމީނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫގައި އެމްޑީޕީން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދަޅުވީ އިއްތިހާދު އެކުލަވާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް ކަމަށެވެ. އެގޮތުން ކޯލިޝަން ހެދުމުގައި އެއް ހިޔާލަކަށް، އެއް މަސްލަހަތަކަށް އަދި އެއް ފިކުރަކަށް ނާދެވޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އާދެވުނު ފިކުރަކީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ހުރިހާ ޕާޓީތައް އެއްބަސްވާ ކަމަށާއި އަދި އެ އިންތިހާބުގައި ހުރިހާ ޕާޓީތަކުން ރައީސް ޔާމީނާ އިދިކޮޅަށް ނެރޭނެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް،" ރައީސް ނަޝީދު ވިދަޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ އެ އެއްބަސްވުމާ އެކު ދެން އެއްބަސްވެފައިވާނީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށް ވީ އެއްބަސްވުމެއް ކަމަށެވެ. އަދި މަޖިލީސް އިންތިހާބުގައި ގޮނޑިތައް ބެހުމަކީ ޑިމޮކްރެޓިކް އަދި ހަރުދަނާ ވެރިކަން ހިންގުމުގެ ނިޒާމާ ހިލާފު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ ގޮނޑިތަކަކީ ވަކިވަކި ދާއިރާތަކުގައި ސީދާ އެ ރައްޔިތުންގެ ނިންމުންތަކެއް ވަރަށް ހާއްސަ ގޮތެއްގައި ނިންމާ އިންތިހާބެއް. ގޮނޑި ބަހައިފިނަމަ އަޅުގަނޑުމެން އެމްޑީޕީ މެމްބަރުން ގާތުގައި ބުނަން މިޖެހެނީ އެ ބޭފުޅުން ވޯޓް ދެއްވާށޭ އެހެން ޕާޓީއެއްގެ މެމްބަރަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުންނަށް މަޖުބޫރު މިކުރެވެނީ އެ މީހުންގެ ފިކުރާއި ހިޔާލު ދޫކޮށް އެހެން ގޮތެއް ހެދުމަށް. މި ދެންނެވީކީ ޑިމޮކްރެޓިކް އުސޫލެއް ނޫން. އަދި ހަރުދަނާ ވެރިކަމުގެ ނިޒާމެއް ވެސް ނޫން. އަދި އެއްވެސް ތަނެއްގައި، އެއްވެސް އިރެއްގައި އިއްތިހާދެއް އެކުލަވާލުމަށް ބަޔަކު ކަން ކޮށްފައިވާ ގޮތެއް ވެސް ނޫން. އަދި ކުރާނެ ގޮތެއް ވެސް ނޫން،"
އެމްޑީޕީ އުފެދިގެން އައީ ވަކި ހާއްސަ ކަންތައްތަކެއް، ރާއްޖޭގެ މުޖުތަމައު އާއި ދިވެހިންގެ ދިރިއުޅުމަށް އަދި އާންމު ހަޔާތަށް ހަޔާތައް ގެނައުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް އެމްޑިޕީ އުފެދިގެން އައީ ދިވެހި ރާއްޖޭގެ ގައުމިއްޔަތަށް މުޅިން އެހެން ކުލައެއް ގެނެސް، ދިވެހި ދަރިންގެ އަހުލާގަށް އަދި ރައްޔިތުންގެ ގަދަރާއި އިއްޒަތުގެ އިތުރުން ދުނިޔެވީ ދިރިއުޅުމުގެ އެންމެހާ ކަންކަމަށް އެހެން ބަދަލެއް ގެނައުމުގެ ނިޔަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ