އިސްލާމްދީނުގައި މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުން ވަނީ ވަރަށް ބޮޑަށް މަނާކުރައްވާފައި: ހުތުބާ

އިސްލާމްދީނުގައި މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުން ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެނެކުންނަށް އަޅާލައި، އިހުސާންތެރިވާން ޖެހޭ ކަމަށާއި އިސްލާމްދީނަކީ ދީން ކަމަށެވެ.
"އިސްލާމްދީނުގެ މަގުސަދުތަކުގެ ތެރޭގައި މީހުންގެ ފުރާނައާއި މުދަލާއި އަބުރު ރައްކާތެރިކުރުން ހިމެނިފައިވެއެވެ. އިސްލާމްދީނުގައި މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުން ވަނީ ވަރަށް ބޮޑަށް މަނާކުރައްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ވަނީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށްފައެވެ. އެ އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދީންނާއި އަންހެނުންނާއި އުމުރުން ދުވަސްވެފައިވާ މީހުންނާއި ޒުވާނުންވިކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
"ދާދި ފަހުން އަޅުގަނޑުމެންނާ އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން ވަނީ ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިލައިފައެވެ. ރަހުމެއްނެތް އަނިޔާވެރި ހަމަލާތަކެއް ސަބަބުން، އެގައުމުގެ އެތައް ބަޔަކު މަރުވެފައިވާ އިރު، އެތައް ބަޔަކު ވަނީ ޒަހަމުވެފައެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އެގައުމަށް ކުރިމަތިވި އެންމެ ބިރުވެރި، ހިތާމަވެރި ހާދިސާކަމަށް ކަމާބެހޭ އިދާރާތަކުގެ ރިޕޯޓުތައް ބުނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އަވަށްޓެރި ގައުމެއްގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިފަދަ ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެމީހުންނަށް ހިތްވަރުދީ، އެހީތެރިވުމަކީ، މިއަދު ދިވެހީންގެ މައްޗަށް އޮތް އިންސާނީ ހައްގެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ދިވެހީންނަށް ވެވުނު ވަރަކުން އެބައިމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.
ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭ ފަދަ ގުނަވަނެއް ކަމަށާއި އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި، ކޮންމެ ވޭނެއްގައި، ހުރިހާ ގުނަވަންތައް ހިއްސާކުރަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"މިއީ، މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާކަމެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އަނެކުންނަށް އަޅާލައި އިހުސާންތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެކެވެ. އެފަދަ މީހަކަށް މާތްﷲގެ ރުއްސެވުމާއި މަދަދު ލިބިގެންވެއެވެ. މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާކުރެވޭމައެއްނީ އެ މުޖުތައުގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންނެވެ. އެކުވެރިކަމާއި އުހުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުއޫރެކެވެ. އެއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ތެދުވެރި އުހުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިކަމާއި އިހުސާސްތައް ދެނެގަތުމާއި ނުވަތަ އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމާއި، މައާފުކުރުން ފަދަ ރިވެތި އަހުލާގީ ސިފަތައް އަށަގަނެގެން ކަމަށާއި އެހެންކަމުން، އިސްލާމްދީނުގައި އުހުއްވަތްތެރި ކަމާއި އެއްބަނޑު އެއްބަފާކަމަށް، ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ