ހައިޓީގެ ރައީސް އަވަހާރަކޮށްލައިފި

ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލައިފިއެވެ.
ހައިޓީގެ ވަޤުތީ ބޮޑުވަޒީރު ކުލޯޑް ޖޯސެފު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައީސްގެ އަމިއްލަ ގެކޮޅަށް ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި އޭނާ އަވަހާރަވެފައިވާކަމަށާއި އެ ޙަމަލާތަކުގައި ރައީސްގެ އަނބިކަނބަލުން ޒަޚަމުވެ ހަސްފަތާލުގައި ފަރުވާދެމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެ ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އަޔަނުދީ މަސައްކަތްތައް ކުރިޔަށްދާނެ ގޮތުގެ އިންތިޒާމުތައް ހަމަޖައްސާނެކަމަށެވެ. ނަމަވެސް އެ ޙަމަލާތައް ދިނީ ކޮން ބައެއްކަން އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ހައިޓީގެ ވެރިކަމާ ޢުމުރުފުޅުން 53 އަހަރުގެ މުއީސް ޙަވާލުވެވަޑައިގެންފައިވަނީ 2017ވަނަ އަހަރުއެވެ. ނަމަވެސް ޚިޔާނާތުގެ ތުޙްމަތުތަކުގެ ސަބަބުން މުއީސަށްވަނީ މަޤާމުގައި ދެމިހުރުމަށް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ޤައުމަށް ދިމާވެފައިވާ އެކިކަހަލަ ކާރިޘާތަކުގެ ސަބަބުން އެ ޤައުމުގައި އިންތިޚާބެއް ބޭވޭ ގޮތްވަނީ ނުވެފައެވެ. ފާއިތުވ ދެ އަހަރު މުއީސް ވެރިކަންކުރައްވާފައިވަނީ ޚާއްޞަ ޤަރާރެއްގެ ދަށުންނެވެ.
ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން 2010ވަނަ އަހަރު ހައިޓީއަށް ކުރިމަތިވި ބިންހެލުމުގެ ހާދިޘާއާއި 2016ވަނަ އަހަރު ކުރިމަތިލާން ޖެހުނު ތޫފާނުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ޤައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. އެ ޤައުމަކީ މެދުތެރޭގައި އެމެރިކާގެ އެންމެ ފަޤީރު ޤައުމުވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ