ފައިސާ ނަގައިގެން ކުށްވެރިއަކަށް ލުއިދީފައި ނުވާނެ، އެފަދަ ކަމެއް ނުކުރާނަން - ރައީސް

މީހެއްގެ އަތުން ފައިސާ ނަގައިގެން މިހާތަނަށް އެއްވެސް ކުށްވެރިއަކަށް ލުއިދީފައި ނުވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ ޢަފޫޢާމް ދެމުންދާކަމަށް ވިދާޅުވެފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޖަލުގައި ތިބި ކުއްވެރިންނަށް މަޢާފްދިނުމުގައި ޢަމަލުކުރާ ގޮތްތަކެއް ހުންނަކަމަށާ، އޭގެތެރެއިން އެއް ގޮތަކީ ކްލެމެންސީ ބޯޑަށް އެ ކުށްވެރިއަކު މައްސަލަ ހުށައެޅުމުން އެ މައްސަލައެއް ބެލުމަށްފަހު ރައީސްގެ އަރިހަށް ފޮނުވުމުން އެމައްސަލަތަކަށް ބެއްލެވުމަށްފަހު މަޢާފްދެއްވަން ފެނިވަޑައިގަންނަވާ ޤައިދީންނަށް ލުއިދިނުންކަމަށެވެ.
ދެވަނަ ގޮތަކީ ކްލެމެންސީ ޤާނުނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޤައިދީއެއްގެ ހުކުމުގެ 4 ބައިކުޅަ 1 ބައި ފުރިހަމަކޮށްފައިވާ މީހުންގެ ސިއްޙީ ޙާލަަތަށް ބެލުމަށްފަހު ލުއިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ގައިދީންނަށް މަޢާފްދިނުމާއި ލުއިދިނުން ކުރިއަށް ގެންދަވާކަމަށާ، ނަމަވެސް މިހާތަަނަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގައިގެން ކުށްވެރިއަކަށް ލުއިދީފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަކަމެއް ނުވެސްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
"ހުންނާނެ ކްލެމެންސީ ބޯޑުން އަޅުގަނޑާ ހަމައަށް ފޮނުވައިގެން ލުއިދިނުމަށާއި، ޤާނޫނުގެ ދަށުން ލުއި ދޭއިރުވެސް ކަރެކްޝަންގެ ފަރާޔުން މަޢުލޫމާތު ހޯދާފައި އެއީ މުޖުތަމަޢަށް ދޫކޮށްލަން އެކަށީގެންވާވަރުގެ މީހެއްތޯ ބަލާފައި ނޫނީ އަޅުގަނޑުމެން ނުވާނެ ދޫކޮށްފައެއް. އަޅުގަނޑު ޔަޤީންކަމާއެކު މިދަންނަވަނީ ރައީސް އޮފީހުގެ ތެރެއިން ، ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނަގައިގެން ކުށްވެރިއަކަށް ލުއިދީފައެއް ނޯންނާނެ. އެ ޔަޤީންކަން އަޅުގަނޑު އެބައޮތް. އެކަމެއް އަޅުގަނޑު ނުވެސް ކުރާނަން" ރައީސް ވިދާޅުވިއެވެ.
2019 އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ 201 ޤައިދީއެއްގެ އަދަބު ލުއިކޮށްދެއްވާފައެވެ.
ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ބޯޑެކެވެ. އެޤާނޫނުގެ ދަށުން، ބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލެވެ. އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަނުންނެވެ. ޢާންމު އުޞޫލެއްގެގޮތުން ކްލެމެންސީއާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި އެމަޢުލޫމާތެއް ހޯއްދެވުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށެވެ.
11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކާއި ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ތަޢުލީމީ ދާއިރާގެ ބޭފުޅަކާއި އިޖްތިމާޢީ ދާއިރާގެ ބޭފުޅަކާއި ޞިއްޙީ ދާއިރާގެ ބޭފުޅަކާއި ދީނީ ޢިލްމުގެ ބޭފުޅެކެވެ. މީގެ އިތުރުން މަދަނީ ޖަމްޢިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް އެބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ