14 އަހަރު ކުއްޖާގެ މައްސަލަ: އިހުތިޖާޖު ކުރި 10 މީހަކު ހައްޔަރު ކޮށްފި

ބަޔަކު މީހުން ވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައިގައި ރ. މަޑުއްވަރީގައި ހަމަނުޖެހުން ހިންގައިގެން 10 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ ރ. މަޑުއްވަރީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެ 10 މީހުންނަކީ ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މަޑުއްވަރީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެ ރަށުގައި 14 އަހަރުގެ އަނހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އެ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވެ ތަހުގީގު މަރުހަލާ ލަސްވެގެން ދާތީ ކަމަށް އެ ރަށު މީހުން ބުނެއެވެ. އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކުވެސް ހިމެނޭ ގޮތަށް ކަމަށް އާއިލާއިން ބުނެއެވެ.
ޓީޗަރެއް ޝާމިލްުވާ ކަމަށް ބުނާ މިމައްސަލައާ ގުޅިގެން އާންމުންގެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކުޑަކުއްޖަކަށް ރައްކާތެރިކަން ދޭން ޖެހޭ ފަދަ މަގާމެއްގައި ތިބޭ ބަޔަކު ކުށް ކޮށް އެ ކުށުން ރެކިގެން ތިބެވުމަކީ މައްސަލައެއްގެ ގޮތުގައި ދެކި އެ ތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އެ ޓީޗަރާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އަދި މި މައްސަލަ ތަހުގީގު ކުރަމުންދޭ ތޯ ބެލުމަށް މަސައްކަތް ކުރުމުން އެޑިއުކޭޝަންގެ ފަރާތުން ޖަވާބެއް ނުލިބެއެވެ.
މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފައެވެ.
އެރަށުގެ ރައްޔިތުން ނުކުމެ ފުލުހުންގެ އިދާރާ ކައިރީގައި އިހުތިޖާޖު ކޮށްފައިވާ އިރު އެތަނުގެ ނަން ބޯޑު އަދި އިމާރާތަށް ބައެއް ގެއްލުން ލިބިފައި ވެއެވެ. އަދި އެ އިހުތިޖާޖާ ގުޅިިގެން ފުލުހުން ބުނެފއި ވަނީ މަޑުއްވަރީގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ