ރައީސް ޔާމީން ސަރުކާރުން ބިނާކުރި ހުޅުމާލެ ފުލުސް ސެޓޭޝަން ހުޅުވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭގައި ބިނާކުރި ފުލުސް ސްޓޭޝަން ރަސްމީކޮށް މިއަދު ހުޅުވައިދީފިއެވެ. މިއަދު އެ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲއެވެ. މިފުލުސް ސްޓޭޝަނަކީ 2018 ވަނަ އަހަރު އެ ތަނުގެ އެންމެހައި ސްޓްރަކްޗާ މަސައްކަތްތައް ނިންމާފައިވާ އިމާރާތެއްކަން ފާހަގަކޮށްލެވެއެވެ. މި ބިނާ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޢިމްރާން ވިދާޅުވެފައިވަނީ ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ފުލުހުން އިތުބާރުކުރާ ކަމުގައެވެ. އަދި މިވެރިކަމުގައި މިހާތަނަށް ފާއިތުވެގެން މިދިޔަ މުއްދަތުގައި ރާއްޖޭގެ އަމާންކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރައްވާފައިވާ މަސައްކަތަކީ ވަރަށް އުފަލާއެކު ބަލައިގަންނަ މަސައްކަތެއް ކަމުގައިވެސް ޢިމްރާން ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް އިމްރާން ވިދާޅުވީ ފާއިތުވެގެން ދިޔަ 17 މަހަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ މަސްތަކެއް ކަމުގައެވެ. ކުރިން ހިނގަމުންދިޔަ ތަޅާފޮޅުމާއި މާރާމާރީގެ ގިނަ ކަންކަން މިހާރުވަނީ ހުއްޓުވިފައިވާ ކަންކަން ކަމުގައިވެސް ވިދާޅުވިއެވެ. އެމަސައްކަތުގައި ހުޅުމާލޭގެ ވެއްޓަށް އަންނަ ބަދަލުތަކަށް ހޭލައި ތިބެ މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޢިމްރާން ވިދާޅުވިއެވެ. އެކަމުގައި އައު ސްޓޭޝަނަކީ މުހިއްމު ވަސީލަތެއް ކަމުގައި ފާހަގަކުރައްވައި އެއިމާރާތް ހުޅުވުމާ ހަމައަށް ގެނެސްދެއްވުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް ޢިމްރާންވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެޗްޑީސީގެ ވެރިންނަށް ޢިމްރާން ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ