ސަރުކާރު ފެއިލްވެއްޖެ، ރައްޔިތުން ނުކުމެ ބާލާ: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަމަށާއި ރައްޔިތުން ނުކުމެ ސަރުކާރު ބާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދީގެން އެ ޕާޓީގެ ސަރުކާރެއް ގެނައީ ކަންކަން އިސްލާހު ކުރުމުގެ އުންމީދާ އެކުގައި ކަމަށެވެ.
ނަމަވެސް ވައްކަން ކުރުން އާންމުވެ، މިއަދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި އެކަމުގެ ޒިންމާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެހެން ލީޑަރުން ވެސް ނަގަން ޖެހޭނެ ކަމަށާއި ސަރުކާރު ފެއިލްވުމުން އެމްޑީޕީއަށް ދެއްކޭނެ އިތުރު ބަހަނާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފުރިހަމަ ބާރާއި، މަޖިލީހުގެ ފުރިހަމަ އަޢުލަބިއްޔަތު އެމްޑީޕީއަށް ދިނުމުން ވެސް ސަރުކާރު ޖަވާބުދާރީ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ޖާބިރު ވަނީ ސުވާލު އުފައްދަވައިފައެވެ.
ޖާބިރުގެ ވާހަކަތައް ބިނާކުރެއްވީ، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އިރު ބޮޑެތި ވައްކަމާއި، ޚީޔާނާތުގެ އަމަލުތައް ހިންގިކަން ހާމަވާތީ އެކަމުގެ މައްޗަށެވެ.
އެ އޮޑިޓް ރިޕޯޓްތަކުން އެނގޭ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތެވެ.
އަދި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެން އޮވެއެވެ.
މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.
ހަމައެހެންމެމިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޓުއަރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން އެ މިނިސްޓްރީގެ އޮޑިޓުން ވަނީ ފަޅާއަރާފައެވެ.
ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ