ގަދަކަމުން އަނބިމީހާއާ ޖިމާވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ: ހައިކޯޓް

ގަދަކަމުން އަނބިމީހާއާ އެކު ޖިމާއުވުމަކީ އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ ކަމަށާއި ޖިމާއުވުމުގެ ހައްގު ފިރިމީހާއަށް އޮތަސް، އެއީ އެއްވެސް ހުދޫދެއްނެތި ލިބިދެވޭ ހައްގެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމެއްގައި ބުނެފި އެވެ. ހައިކޯޓުގެ ތިން ގާޒީން އިއްތިފާގުން ކުރެއްވި ހުކުމެއްގައި އެގޮތަށް ބުނެފައި ވަނީ، އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕް ކަމަށް ނުވާނެ ކަމަށް ރާއްޖޭގައި ވެސް ބައެއް ދީނީ އިލްމުވެރި ވިދާޅުވެ ވަކާލާތު ކުރައްވަމުން ދަނިކޮށެވެ. ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން މަރުވި ހާދިސާއާ ގުޅިގެން ޝާހުގެ މައްޗަށް އުފުލި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށުގެ ދައުވާގެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުމުގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ހިލާފުތަކާ މެދު ފަނޑިޔާރުންގެ ރައުޔު ވަނީ ހާމަކުރައްވައިފަ އެވެ. ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފަިއ ވަނީ، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ކުށެއްކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމަށެވެ. ފަނޑިޔާރު ސަމީރު ނެރުއްވަ ބެންޗުގައި ދެން ތިއްބެވި އަނެއް ދެ ފަނޑިޔާރުން ތާއީދު ކުރެއްވި ރައުޔުގައި ވިދާޅުވެފައި ވަނީ އާންމު މާނައިގައި، ރޭޕް ކުރުން މި ލަފްޒު ބޭނުންކުރަނީ ދެމަފިރިންކަމުގައި ނުވާ ދެމީހުންގެ މެދުގައި، އެ މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށް ކަމަށެވެ. އެއީ ތިމާގެ އަމިއްލަ އަނބިމީހާއަކީ، ޖިމާއުވުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާތީ، އަނބިމީހާއާމެދު ގަދަކަމުން އެފަދަ އަމަލެއް ހިންގުމަށް "ރޭޕްކުރުން" މި ލަފްޒު ބޭނުންކުރެވޭތީ ފަހަރުގައި އޮޅުމެއް އޮތުމަކީ ވެދާނެކަމެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެންނަމަވެސް އެއީ އާންމު މާނައިގައި އޮންނަ "ރޭޕް" ގެ މާނައިގެ ތެރެއަށް ފެތޭގޮތަށް މާނަކުރަންޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަން ގާނޫނަށް ބެލުމުން އެނގޭ ކަމަށާއި މިއީ އާންމު މާނައިގައި އޮންނަ ރޭޕްކުރުމުގެ ކުށުގެ މާނައިން ބޭރުވެ، ވަކި ހާއްސަގޮތަކަށް ކަންވެގެން ދިއުމުން އެފަދަ ކުށަކަށް ކިޔޭ ހާއްސަ ނަމެއްކަން ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް ކަމުގައި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ވަކި އިސްތިސްނާ ހާލަތު ތަކެއް އޮއްވާ، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުން ކަމަށެވެ. "މިތަނުގައި ބަލަންވީ ކުށަށް ކިޔާ ނަމަކަށް ނޫނެވެ. ކުރެވޭ އަމަލަށެވެ. ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީނަމަވެސް އެވެ." ހައިކޯޓުގެ ހުކުމްގައިވެ އެވެ. ކައިވެނީގެ ގޮށުން ދެމަފިރިއަކު ގުޅާލުމަށްފަހު އެ ދެމަފިރިން ހަލާލު ގޮތުގައި ޖިންސީ ގުޅުން ހިންގުމަށް ލިބި އޮންނަ ހައްގަކީ އެކައިވެނީގެ ގުޅުމުގައި ހިމެނޭ ދެމަފިރިންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބިދީފައިވާ ހައްގެއް ކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އިސްލާމީ ޝަރީއަތުގެ އާންމު ގަވާއިދަކީވެސް، އެ މީހަކަށް ކަނޑައެޅިފައިވާ ހައްގުތައް އަދި ވާޖިބުތައް ދިނުމާއި ލިބިގަތުމުގައި އަންހެނުން އަދި ފިރިހެނުންވެސް ހަމަހަމަވުން ކަމަށާއި އެހެންކަމުން އަނބިމީހާގެ ފަރާތުން ޖިންސީ ގުޅުން ހިންގުމަށް ފިރިމީހާއަށް އެދެވޭ ފަދައިން އަނބިމީހާއަށް ވެސް އެފަދައިން ފިރިމީހާގެ ގާތުގައި އެދުމުގެ ހައްގު އޮންނާނެ ކަމަށް ހުކުމްގައިވެ އެވެ. "މި ހައްގު ބޭނުން ކުރުމުގައި އެކެއްގެ މައްޗަށް އަނެކަކު ވެރިވެގަތުމެއް ނުވަތަ އިސްވުމެއް ނެތެވެ." ހުކުމްގައި ބުނެފައިވެ އެވެ. އެކަން ގުރުއާނާއި ރަސޫލާގެ ހަދީޘް ބަސްފުޅުތަކުން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ. ޝަރުއީ އަދި ގާނޫނީ އާންމު އުސޫލަކީ ހައްގުތަކެއް މީހަކަށް ލިބިގެންވީ ނަމަވެސް އެފަދައިން ލިބިގެންވާ އެއްވެސް ހައްގަކީ އެއްވެސް އިމެއްނެތި ބޭނުންކުރެވޭ ގޮތަކަށް އޮންނަ މުތުލަގު ހައްގަކަށް ނުވުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ. މީހަކަށް ލިބި އޮންނަ ހައްގެއް ބޭނުންކުރަނީ ކަމަށް ބުނެ އެ ހައްގު ބޭނުންކޮށްގެން އެހެން މީހަކަށް ގެއްލުމެއް ދޭނަމަ ނުވަތަ އެ ހައްގެއް ބޭނުންކުރުމުން އެހެން މީހަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ އެފަދަ ކަންކަން ހުއްޓުވެން ޖެހޭނެ ކަމަށް ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންފައިވެ އެވެ. ހައްގު ބޭނުން ކުރުމުގައި ކަނޑައެޅިފައިވާ އިންތައް ފަހަނައަޅައިދާ ނަމަވެސް އެކަންކަން ހުއްޓުވެންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ. މި އުސޫލުގެ މައްޗަށް ރިއާޔަތްކުރާއިރު، ދެމަފިރިންގެ ގޮތުގައި ތިބޭއިރު ޖިންސީ ގުޅުން ހިންގުމަކީ ދެމަފިރިންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބިއޮތް ހައްގެއް ކަމުގައި ކަނޑައެޅިފައިވީ ނަމަވެސް، ބައެއް ހާލަތު ތަކުގައި ޖިންސީ ގުޅުން ހިންގުމަށް އޮންނަ މި ހައްގަށް ދެމަފިރިންކުރެ ކޮންމެ ފަރާތަކަށްމެ އިންކާރު ކުރުމުގެ ފުރުސަތު ލިބިގެން ވާކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެގޮތުން ހާއްސަ ހާލަތުތަކެއް ދިމާވުމުން ފިރިމީހާ އެކަމަށް އެދުނު ކަމުގައިވީނަމަވެސް ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާއަށް އިންކާރު ކުރެވިދާނެކަން ޝަރުއީ ދަލީލު ތަކުންނާއި އިލްމުވެރިންގެ ރައުޔުތަކަށް ބެލުމުން އެނގޭ ކަމަށާއި އަދި އެފަދަ ހާލަތެއް އޮއްވާ ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާ އިންކާރު ނުކުރުމަކީ ފަހަރުގައި އެކަމުގެ ސަބަބުން އަނބިމީހާ ފާފަވެރި ވެދާނެ ސަބަބެއް ކަމުގައިވެސް ވެގެން ހިނގާދާނެކަމަށް ބުނެވޭ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެފަދަ ބައެއް ހާލަތްތަކަކީ ޙައިޟުގެ ދުވަސްވަރާއި، ނިފާސްގެ މުއްދަތާއި، ރަމަޟާންމަހު ރޯދައަށް ހުންނަ ވަގުތާއި ޟިހާރުކޮށް (އަނބިމީހާ ތިމާގެ މަންމައާއި އެއްފަދަކުރުން) އެއަށްފަހު ކައްފާރާ އަދާނުކޮށް ހުންނަ މުއްދަތުގަ އާއި، އަނބިމީހާ މާބަނޑު ހާލުގައި ވަނިކޮށް އޭނާއަށް ނުވަތަ އޭނާގެ ބަނޑުގައިވާ ދަރިފުޅަށްގެއްލުމެއް ވެދާނެކަމުގެ ބިރު ހީވުމެވެ. އޭގެ އިތުރުން ތިމާގެ ފިރިމީހާއަށް ޖިންސީ ގުޅުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ތެރެއިން ބައްޔެއް، މިސާލަކަށް އެއިޑްސް ކަހަލަ ބައްޔެއް ޖެހިފައިވާކަމަށް ގަބޫލުކުރެވޭ ފަދަ ހެކިތަކެއް ހުރިނަމަ އެފަދަ ހާލަތެއްގައި ވެސް އިންކާރު ކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަނބިމީހާ ނުރުހިގެން ވަނިކޮށް އޭނާއާމެދު ގަދަކަމުން ޖިމާއުވުމަކީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. "ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންވެސް މެއެވެ. އިސްލާމީ ޝަރީއަތުގެ އާންމު ގަވާއިދެއްގެ ގޮތުން އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ވަނީ ނަހީ ކުރައްވާފައެވެ." ހުކުމްގައިވެ އެވެ. މީސްތަކުންނަށް އަނިޔާވެރި ނުވުމަށް އޮތް އާންމު ގަވާއިދުން، އަންހެނުންނާއި އަނބީން އިތުރަށް ހާއްސަކޮށްފައިވާކަން، ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބެލުމުން ފެންނަން އޮތް ކަމަށާއި އަދި އަންހެނުންނާއި މެދު ހެޔޮކޮށް ހިތުމަށާއި އަނބިންގެ ހައްގުތައް އަދާކުރުމަށާއި އެކަނބަލުންނާމެދު ހެޔޮގޮތުގައި މުއާމަލާތު ކުރުމަށް ރަސޫލާ އިރުޝާދުދެއްވައި ބާރުއަޅުއްވާފައިވާކަން ވެސް ހުކުމްގައި ވެއެވެ. އަންހެނުންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާ މިންވަރާއި، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެގެންވާންޖެހޭނީ ލޯތްބާއި އިހްތިރާމްގެ މައްޗަށްކަންއެނގޭ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެމަގުން ބޭރުވެ އަންހެނުންނަށް އަދި އަނބިންނަށް އަނިޔާލިބޭ ގޮތަށް ކަންކަން ކުރުމަކީ އަހަރުމެންގެ މައްޗަށް އަމުރުވެވިގެންވާ ގޮތާއި އަދި ދަސްކޮށްދީފާ ވާގޮތާއި ކަނޑައެޅިގެން ހިލާފުވުންކަމުގައި ނޫނީ ނުވާނެ ކަމަށް ހުކުމްގައިވެ އެވެ. އެހެންކަމުން އެފަދަކަމެއް ވިޔަނުދިނުމަށްޓަކައި އަދި އެކަން އެމަގަށް ކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުންނާއި އަދަބުވެރިކުރުމުގެ ގޮތުން އެފަދައިން ކަންކުރާ މީހެއްގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅިދާނެކަން އެނގޭ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ. ޖިންސީ ކުށުގެ ގާނޫނުގައި ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭނެ ކުށެއް ކަމުގައި އާންމު އުސޫލުން ނުބެލި ކަމުގައި ވީނަމަވެސް، އަންނިވި އިސްތިސްނާ ހާލަތުގައި، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުމަކީ، އަނބިމީހާ ރޭޕްކުރީ ކަމުގައި ގާނޫނުން ބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ. އެ ހާލަތްތަކަކީ؛ 1. ދެމީހުންގެ މެދުގައި އޮތް ކައިވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީޤް ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެމައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން. 2. އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެމައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން 3. ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުން 4. ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން ޒިޔާދާގެ މައްސަލައިގައި ހައިކޯޓުން މިއަދު ނިންމާފައި ވަނީ ޝާހު އާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ