އާސަންދައިން މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.
އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި  "އާސަންދަ" ގެ ނަމުގައި މިއަދު ތަޢާރަފްކޮށްފައިވާ މި އެޕް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
އާސަންދައިން ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓްރީ ވެވޭނެކަމަށެވެ. ރެޖިސްޓްރީވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެކަމަށެވެ. ނަމަވެސް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުން ކުރަން ނުފަށާތީ، އެފަދަ ތަންތަނުން ހޯދާ ޚިދުމަތަތަކުގެ ތަފްޞީލް އާސަންދަ އެޕުން ފެންނަން ނުހުންނާނެކަމަށް ވެސް އާސަންދަކުންފުނިން ވިދާޅުވިއެވެ. ނަމަވަސް އަވަސް މުސްތަޤްބަލެއްގައި އާސަންދަ ޚިދުމަތް ދޭ ހުރިހާ ތަނެއްގައި އެޕޯޓަލް ބޭނުން ކުރަން ފެށޭނެކަމަށް ވިދާޅުވިއެވެ.
އާސަންދައިން ވިދާޅުވީ ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެކަމަށެވެ. އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެކަމަށެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ މި އެޕްލިކޭޝަން ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވިހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވުންކަމަށެވެ. މިއަދު ތަޢާރަފުކުރި އެޕްލިކޭޝަނަކީ އެންޑްރޮއިޑް އެޕެއް ނަމަވެސް ކުރިއަށް އޮތްތަނުގައި އައި.އޯ.އެސް އެޕް ވެސް ތަޢާރަފްކުރެވޭނެކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ