އޮނަސައްތަ އިސްމްފުޅުގެ ތެރެއިން: "އަލްމަލިކު"- ރަސްވަންތަ ރަސްކަލާނގެ

المَلِكُ
(ރަސްވަންތަ ރަސްކަލާނގެ)
المَلِكُ ގެ މާނައަކީ އެކަލާނގެ ޚަލްޤުތަކުންގެ އެންމެހާ ކަންތައްތައް ރާއްވަވާ ހިންގެވުމުގައި ދެމިހުންނަވާ ރަސްކަލާނގެއެވެ. އެއީ ބޭއިންސާފުން ހުސްދުރުވެ ވޮޑިގެންވާ، އިރާދަކުރައްވާ ކޮންމެކަމެއް ކުރައްވާ ރަސްކަލާނގެއެވެ.
އެކަލާނގެއީ އެކަލާނގެ މުޤައްދަސް މާތް ޛާތުފުޅާއި ސިފަފުޅުތަކުގައި، އެއްވެސް މަޚްލޫޤަކަށް ބޭނުންވެ ވޮޑިނުގަންނަވާ ރަސްކަލާނގެއެވެ. ހުރިހާ މަޚްލޫޤުން އެކަލާނގެއަށް ބޭނުން ވެއެވެ. ހުރިހާ އެއްޗަކީ އެކަލާނގެ މިލްކެކެވެ.
ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި އެކަލާނގެއީ ((المَلِكُ الْحَقُّ)) ކަމަށް އައިސްފައި ވެއެވެ. އިވުމާއި، ފެނުމާއި، ވިސްނުމާއި، މަރުވުމާއި، ދިރިއުޅުމާއި، ރަޙްމަތާއި، ރޯދި ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ވެރިކަން ޙައްޤުވެގެންވާ ރަސްވަންތަ ރަސްކަލާނގެ ﷲއަށެވެ.
މީސްތަކުންނަށް ވެރިކަންދެއްވާ އެމީހުންގެ ކިބައިން ވެރިކަން ނިގުޅައިގަންނަވަނީ الله المَلِكُ އެވެ. މީސްތަކުން ޢިއްޒަތްތެރި ކުރައްވާ ނިކަމެތި ކުރައްވަނީ އެކަލާނގެއެވެ.
ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ ((يَقْبِضُ اللَّهُ عَزَّ وَجَلَّ الأَرْضَ يَوْمَ الْقِيَامَة وَيطْوِى السَمَواتِ بِيَمِينِه ثُمَّ يَقُول: أَنَا الْمَلِكُ فَأَيْنَ مُلُوْكُ الأَرْض.  ޤިޔާމަތް ދުވަހު އަރަހުށި މާތްﷲ، ބިމާއި އުޑުތައް ފަށްފަށް ޖައްސަވާ ވަޙީކުރައްވާނެއެވެ. ތިމަން ރަސްކަލާނގެއީ ރަސްވަންތަ ރަސްކަލާނގެއެވެ. ބިމުގެ ރަސްރަސްކަލުންތައް ފަހެ ކޮބައި ހެއްޔެވެ؟)) 
މިނަންފުޅުން ދުޢާ ދަންނަވާ މީހާއަށް ހިތްވަރުގަދަކަން ދެއްވައި އޭނާގެ ހިތް އިޞްލާޙު ކޮށްދެއްވާނެއެވެ. އެހެނީ ބުނެވޭގޮތުގައި އިންސާނާގެ ނަފްސުގެ ރަސްގެފާނަކީ ހިތެވެ. އޭނާގެ ވެރިކަމުގެ ސިންގާ ސަނާއަކީ ހަށިގަނޑެވެ.
ބުނެވޭގޮތުގައި ކޮންމެ ދުވަހަކު މެންދުރު ވަގުތުގައި 100 ފަހަރު މިނަންފުޅުން ޛިކްރުކުރި މީހާގެ ހިތް ސާފުކޮށް ދެއްވައި ހިތުން ކިލަނބުކަން ފިލުއްވާ ދެއްވާނެއެވެ.
އަދި ބުނެވޭ ގޮތުގައި ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހަކު 121 ފަހަރު މިނަންފުޅުން ޛިކްރުކުރި މީހަކު އެކަލާނގެ ދަރުމަވަންތަ ކަމުން ފުދުންތެރި މީހެއް ކަމުގައި ލައްވާނެއެވެ.
(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު  މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ