ރައީސް ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ހޯދަން މީރާއަށް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ދައުލަތުގެ ފަރާތުން އެ ފައިސާ ހޯދުމަށް މީރާ އަށް އަންގައިފިއެވެ.
ބަންޑާރަ ނާއިބު އޮފީހުގެ ފަރާތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި 6 މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.
ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާ ނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާ ލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާ ނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެއްކަމުގައި ވާތީ، އެކަން އެ އިދާރާއާ ހިއްސާކުރެވިފައިވާ ކަމަށްވެސް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ފައިސާ ހޯދަން މީގެކުރިން ބަންޑާރަ ނާއިބު އޮފީހުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް ބަންޑާރަ ނާއިބު އޮފީހުން ވަމުންދާ ކަމަށްވެސް މީގެކުރިން އެ އޮފީހުން ބުނެފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި މިހާރު އެ މައްސަލާގައި ވެސް އޮތީ ހުކުމް ކުރުމުގެ މަރުހަލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ