ފައިސާ ނެތުމުން ޑީޕޭ ނުގެންދަން ނިންމައިފި

ބާސެލޯނާއިން ގެންދަން ބޭނުންވި، އޮލިމްޕިކް ލިޔޯންގެ ސްޓައިކަރު މެންފިސް ޑީޕޭގެ ޓްރާންސްފާ ޑީލް ހެދިފައި ނުވުމުން އޭނާ ގެނެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރާންސްފާގެ ރިޕޯޓްތަކުގައިވާ ގޮތުން، ޑީޕޭ ގެންދަން 25 މިލިއަން ޔޫރޯ ދޭން ބާސާއިން ތައްޔާރަށް އޮތެވެ. އެހެން ނަމަވެސް އިއްޔެ ބާސާއާ ގުޅުން އޮންނަ އޮފިޝަލަކު އީއެއެސްޕީއެންގައި ބުނެފައި ވަނީ ޑީޕޭގެ ޓްރާންސްފާ ހަމަނުޖެހުނީ ޓްރާންސްއަށް ބޭނުންވާ ފައިސާ ކުލަބުގައި ނެތިގެން ކަމަށެވެ. ފަހުން ލިޔޯންގެ ރައީސް ޖީން މިޝޭލް އޮލާސް ވިދާޅުވީ ޓްރާންސްފާއަށް ފައިސާ ހަރަދު ކުރެވެން ނެތް ކަމަށް ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވެފައިވާ ކަމަށެވެ.
ހޮލެންޑްގެ ގައުމީ ޓީމުގައި މީގެ ކުރިން ޑީޕޭއަށް ކޯޗް ކޮށްދިން ކޫމަން ބުނީ، ޓްރާންސްފާގައި ބާސާއަށް އިތުރު ކުޅުންތެރިޔެއް ގެނެވޭނީ ކުޅުންތެރިންތަކެއް ވިއްކާލައިގެން ކަމަށެވެ. އެކަން މިއަހަރު ވާނެ ކަމުގެ ޔަގީންކަން ނެތް ގޮތަށް ކޫމަން ވަނީ ވާހަކަ ދައްކާފަ އެވެ.
ބާސާއިން ވަނީ، އީވާން ރަކިޓިޗް 1.5 މިލިއަން ޔޫރޯއަށް ސެވިއްޔާއަށް ވިއްލާފަ އެވެ. ހަމަ އެ ވަރުގެ އަގަކަށް އާޓޫރޯ ވިޑާލްވެސް އިންޓަ މިލާންއަށް ވިއްކާލުމަށް ދަނީ ވާހަކަ ދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ