އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު!

އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސްގެ މަގާމުގައި ހުރި ސައުދުއްﷲ ހަސަން ދީދީގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
ސައުދުގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރަމުން އަންނަ ގެސްޓްހައުސް އެސޯސިއޭޝަނުގެ އެޑްމިން ސްޓާފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެ އެސޯސިއޭޝަނުގެ އޮފިޝަލަކު ވިދާޅުވީ މަސައްކަތުގެ މާހައުލުގެ އެތެރެ އާއި ބޭރުން ވެސް އެ ސްޓާފަށް ސައުދު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރިމަތިވީ ސައުދު ސެކްރެޓަރީ ޖެނަރަލް ކަމާ ހަވާލުވުމަށް ފަހު، އޭނާ ވަޒީފާ އަށް ވެއްދި އަންހެން ސްޓާފަކަށެވެ. ސައުދުގެ ފަރާތުން އޭނާ އަށް ކުރިމަތިވި ގޯނާތަކުގެ ތެރޭގައި، އަންހެން މުވައްޒަފުގެ ގުނަވަންތަކުގައި އަތްލާ، ހަޑިހުތުރު ވާހަކަތައް ދެއްކުން ފަދަ ގިނަ ގޯނާތަކެއް ކޮށްފައިވާ ކަމަށް ވެއެވެ.
އެކަން ކުރިމަތިވި ސްޓާފް އެ މައްސަލަ ގެސްޓްހައުސް އެސޯސިއޭޝަނުގެ ސަމާލުކަމަށް ގެނައުމާ އެ މައްސަލަ ބަލަންފަށައި، ސައުދު ވަނީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ތުހުމަތުކޮށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާސިހު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދީފަ އެވެ.
އެނގިފައިވާ ގޮތުގައި ނާސިހު އިސްތިއުފާ ދީފައިވާއިރު، ސައުދު ވަނީ އެ މައްސަލަ ފެންމަތިވުމާއި އެކު ވިކްޓިމް އަށް އިންޒާރުދީ އެ މައްސަލަ ބެލުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. އަދި އެ އަންހެން ކުއްޖާގެ އާއިލާ އަށް ގުޅައިގެން އެކަން ހުއްޓުވަން ސައުދު މަސައްކަތް ކުރި ކަމަށް ވެސް ވެއެވެ.
މިފަދަ ސީރިއަސް ތުހުމަތުތަކެއް ސައުދުގެ މައްޗަށް ކުރެވިގެން ގެސްޓްހައުސް އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކުރި އިރު، އެމްޑީޕީން އޭނާ އާ މެދު ފިޔަވަޅެއް ނާޅާ ސަބަބެއް ސާފެއް ނުވެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އަންނަނީ އޭނާ އާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ