ނ. އަތޮޅު ރަށަކަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ނ. އަތޮޅުގައި އޮންނަ ހިލްޓަން އިރުފުށި ރިސޯޓަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ކުދިމާގޭ ޢަބްދުﷲ އިސްމާއީލް 28، އެވެ. ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރީ ވެލިދޫން އެއަތޮޅު ހިލްޓަން، އިރުފުށީ ބީޗް އެންޑް ސުޕާ އަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝާނެއްގައި ކަމަށެވެ.
ފުލުހުން ބުނީ ފުލުހުން ދިއުމާއެކު އަބްދުﷲ އިސްމާއީލް ރިސޯޓަށް ދިޔަ ލޯންޗުން ފޭބި ވަގުތު އޭނާއަށް ފުލުހުން ފެނުނު ކަމަށާއި އެވަގުތު އޭނާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފޮރުވަން އަނގަޔަށް ލައި ދިރުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަބްދުﷲ އިސްމާއީލް ހައްޔަރުކޮށް ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓާއި ތިން ކަރުދާސް ކޮޅު ފެނުނެވެ.
މި މައްސަލައިގެ އިތުރުން ނ. އަތޮޅަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފުލުހުން ވަނީ ހޯދަން ފަށާފަ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ނ. އަތޮޅަށް ދިޔަ ފެރީ ލޯންޗުގެ ފާޚާނާ ތެރެއިން ކަމަށެވެ.
މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓާއި 24 ސެލޯފިންކޮޅުގެ އިތުރުން 13 ކަރުދާސްކޮޅާއި ބްލެޓް ސައިޒްގެ ހަތަރު ޕެކެޓް ވަނީ ހޯދާފައެވެ. އަދި އެމައްސަލަތަކާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ