ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް: ރައީސް ނަޝީދު

މިހާރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ކުރެވޭނީ ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ދިޔައީ 26 ޖޫން 2005ގަ އެވެ. މިއަދު އެ ޕާޓީ އުފެދުނުތާ 15 އަހަރު ފުރިފައި ވާއިރު، ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިފައިވާ ކަމަށެވެ. އެމްޑީޕީއަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ވިދާޅުވީ އެހެން ވާދަވެރި ސިޔާސީ ޕާޓީތައް ރޫޅިފައިވާ ކަަމަށެވެ. "މާތްﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް،" ނަޝީދު ވިދާޅުވި އެވެ. https://twitter.com/MohamedNasheed އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި، އެންމެ ފުރަތަމަ ބޭއްވި ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ވަނީ ބަދަލުވެފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކާމިޔާބުކުރައްވައިފައެވެ. ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީއަށް މަރުހަބާ ދަންނަވައިފައެވެ. ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ހިތްވަރާއި، އަޒުމާއި، ކާމިޔާބީއާއި، އުންމީދު އެކުލެވިގެންވާ ދެވަނަ ސިޔާސީ ހަރަކާތެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ރާއްޖެއަށާއި ދިވެހިންނަށް ހެޔޮވެރިކަން ކޮށްދިނުމަށާއި، އިސްލާމީ އުސޫލުތަކާއި، ޑިމޮކްރެސީއާއި، އިންސާފާއި ހަމަހަމަކަން ނެގެހެއްޓުމަށް ސާބިތުކަމާއެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ