އިންޑިޔާގެ އެންމެ މުއްސަނދި އެކަކަށް ވާން ބޭނުމީ: ކަންގަނާ

ކަންގަނާ ރަނާވަތުގެ އެކްޓިން ހުނަރާ މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ ބަތަލާއިންގެ ކުރި ކަންގަނާ އަށް ޔަގީންވެ އެވެ. ނެޝަނަލް އެވޯޑު ހޯދާފައިވާ ކަންގަނާ އަށް އެއް ވަނަ ދަރަޖައިގެ ބަތަލާއިންގެ ލިސްޓުގެ އެންމެ ކުރިޔަށް އެރުނީ އޭނާގެ މޮޅުކަމުންނެވެ. ފިލްމީ އާއިލާއަކަށް އެއްވެސް ވަރަކަށް ނިސްބަތް ވެފައި ނެތް މުމްބައި އާ މާ ދުރުހިސާބަކުން އައިސް ފިލްމު އިންޑަސްޓްރީއަށް ވަދެ އެކަނިމާއެކަނި ކަންގަނާ ވަނީ އޭނާ ވަރުގެ ދެ ވަނަ ބަތަލާއެއް ނެތްކަން ސާބިތުކޮށްދީފަ އެވެ.
ނަމަވެސް ކަންގަނާ ފިލްމީ ހަރުފަތުގެ އެންމެ މައްޗަށް އަރަން ކުރި ދަތުރު އެހާ ފަސޭހައެއް ނޫނެވެ. އޭނާ އެހިސާބަށް ދިޔައީ ވަރަށް ބުރައާއި ތުރާ އުފުލައިގެންނެވެ.
މުމްބައިގެ ޕާލީ ހިލްގައި ހުރި އޭނާގެ 48 ކްރޯޑުގެ ޒަމާނީ އޮފީހުގައި އިނދެގެން އިންޑިޔާގެ އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ބުނީ އޭނާ ކެރިއަރު ފެށި ދުވަސްވަރު އޭނާއަކީ ފައިސާއަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި ކަމަށެވެ. ނަމަވެސް އަމިއްލަ ހުނަރުން އޭނާ ވަނީ މީހުންގެ އަނގަތައް ބަންދުކުރުވާފަ އެވެ. މިހާރު އޭނާގެ އޮތީ އެހެން އަމާޒެކެވެ. ފަންސާސް އަހަރު ފުރެންވާއިރަށް އިންޑިޔާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ވުމެވެ.
މިހާތަނަށް ދިރިއުޅުމުގަޔާއި ކެރިއަރުގައި ހޯދިފައިވާ ކާމިޔާބުތަކަކީ އޭނާ ލިބޭނެ ކަމަށް ހީކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބު ތަކެކެވެ. އެހެންވެ ދެން މިހާރު ބޭނުންވަނީ ވީހާވެސް ބޮޑު މުއްސަނދިކަމެއް ހޯދާށެވެ. ފައިސާ ހޯދުމަށް އެހާ ބޮޑަށް ބޭނުންވަނީ ގިނަ ބަޔަކު އަންހެންވެރިން ޖަޖްކުރަނީ އެމީހުން ޚިޔާރުކުރާ ކަންތައްތަކަށް ބިނާކޮށްފައި ކަމަށް ވާތީ އެވެ.
ފިރިހެނަކަށް ވުރެ އަންހެނަކު ކުރިއަރާ ދަންޏާ އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި މީހުން ދެކެ އެވެ. އޭނާ ބޭނުންވަނީ އެ ވިސްނުން ބަދަލުކުރާށެވެ. މިކަމަށްޓަކައި އޭނާ މިހާރުއްސުރެ ފައިސާ އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މިހާރުވެސް ކަންގަނާ ކުޅޭ ގިނަ ފިލްމުތައް ޕްރޮޑިއުސްކުރަނީ އޭނާ އެވެ. ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާ ކަންގަނާ އާ ގުޅުން ގޯސްވެފައިވާއިރު އޭނާގެ މޮޅުކަމުން އޭނާ ކުޅޭ ގިނަ ފިލްމުތައް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދަމުން ދިއުމަކީ އެހެން މީހެއްގެ އެހީތެރިކަމަކާ ނުލާ ކަންގަނާއަށް ކުރިޔަށް ދެވޭ ސަބަބެވެ. އިންޑިޔާ ލޮކްޑައުން ކުރިއިރު ކަންގަނާ ކުޅެމުންދިޔައީ "ތަލައިވީ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ